ސްޕެއިންގެ ޤައުމީ ޓީމު މިހާރު ހޯދަމުންދާ ކާމިޔާބީތަކުގެ މައިގަނޑު ސަބަބަކީ ވަކިވަކި ކުޅުންތެރިންގެ މޮޅުކަމަށްވުރެ ބޮޑަށް މުޅި ޓީމުގެ އެއްބައިވަންތަކަން ކަމުގައި ހެޑް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ފާހަގަކޮށްފިއެވެ.
ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ވާދަކޮށް 2-1ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެ ސެމީގެ ޖާގަ ހޯދި މި މެޗުގައި، އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް އަދި މިކޭލް މެރީނޯއެވެ. ޕެޑްރީގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދި ރުއިޒް ފުރަތަމަ ލަނޑު ޖަހައިދިންއިރު، މެޗުން ސްޕެއިން މޮޅުކޮށްދިން ލަނޑު މެރީނޯ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ އެންމެ ދެ މިނެޓު ތެރޭގައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މެޗުގެ 86ވަނަ މިނެޓުގައި ކުޅެން އަރައި، ބެލްޖިއަމްގެ ބަދަލު ކީޕަރު ސެން ލަމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މިއީ ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން، މުހިންމު މުބާރާތެއްގެ ނޮކްއައުޓް ސްޓޭޖުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މެރީނޯ މޮޅުވި ލަނޑު ޖަހައިދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ޔޫރޯ 2024ގެ ކުއާޓާގައި ޖަރުމަނު ކޮޅަށާއި، މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ޕޯޗުގަލް ކޮޅަށް ވެސް ފަހު ވަގުތު މުހިންމު ލަނޑުތަކެއް ޖަހައިދީފައެވެ.
ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ވާދަވެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ، މެރީނޯ ފަދަ މޮޅު ކުޅުންތެރިއަކު ބެންޗުގައި އިންނަން ޖެހުމަކީ ބައެއް ފަހަރު އިންސާފުވެރި ގޮތެއް ނޫންކަމަށް ހީވި ނަމަވެސް، އޭނާއަށް ފުރުސަތު ދިނުމަށް އެހެން ކުޅުންތެރިއެއްގެ ފުރުސަތު ގެއްލުވާލުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ކުޅުންތެރިއެއްގެ ޒިންމާ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، މޮޅެތި ކުޅުންތެރިން ތިބުމުގެ އިތުރުން ޓީމުގެ އެންމެ ބޮޑު ހަތިޔާރަކީ ކުޅުންތެރިންގެ ރަނގަޅު އަޚުލާގާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އަދި މިފަދަ ޕްރޮފެޝަނަލް ކުޅުންތެރިންތަކަކަށް އިރުޝާދު ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ސްޕެއިން ނުކުންނާނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ. ޑެ ލަ ފުއެންޓޭ ބުނި ގޮތުގައި ފްރާންސަކީ ތަފާތު ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ވީނަމަވެސް، ސްޕެއިން އޮތީ އެކަމާ ކުރިމަތިލެވޭ ފަދަ ފެންވަރެއްގައެވެ. އަދި ފައިނަލަށް ދިއުމަށް ޓަކައި ޓީމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.