ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބެލްޖިއަމް ކަޓުވާލައި ސްޕެއިން ސެމީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ބެލްޖިއަމް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ސްޕެއިންއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ކުޅުނު މި ފޯރިގަދަ މެޗުން ލިބުނު މޮޅާ އެކު، ޑަލަސްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ވަރުގަދަ ފްރާންސާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 30ވަނަ މިނެޓުގައި ފަބިއަން ރޫއިޒް ވަނީ ލަނޑެއް ޖަހައި ސްޕެއިނަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން މެޗުގެ 41ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ ބޮލުން ކާމިޔާބުކުރި ލަނޑާ އެކު، މި މުބާރާތުގައި ބައިކޮޅަށް ލަނޑެއް ނުވަދެ ސްޕެއިން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމަށް ބޮޑު ސިހުމެއް ލިބުނީ 71ވަނަ މިނެޓުގައެވެ. އެއީ އެ ޓީމުގެ އިތުބާރު ގޯލްކީޕަރު ޓިބޯ ކޯޓުއާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. ކޯޓުއާ ދަނޑުން ފޭބީ ކަރުނައާ އެކު ރޮމުންނެވެ.

ސްޕެއިން މެޗުން މޮޅުވި ލަނޑު ޖެހީ ބެލްޖިއަމްގެ ބަދަލު ކީޕަރު ސެނޭ ލަމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ހިފައިގެންނެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް، 88ވަނަ މިނެޓުގައި ލަމެންސްގެ އަތުން ކައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިން މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މިކެލް މެރީނޯއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު