ތާރީޚުގައި ފުރަތަމަ ފަހަރަށް ދެކުނު އެފްރިކާގެ ޤައުމީ ފުޓްބޯޅަ ޓީމު ނޮކްއައުޓް މަރުހަލާއަށް ގެންގޮސްދިނުމަށް ފަހު، އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުން އުމުރުން 74އަހަރުގެ ބެލްޖިއަމްގެ ހޫގޯ ބްރޫސް ރަސްމީކޮށް ރިޓަޔާކޮށްފިއެވެ.
އޭނާގެ އުފަން ގައުމު ކަމަށްވާ ބެލްޖިއަމްގެ މީޑިއާއަކަށް މައުލޫމާތު ދެމުން ބްރޫސް ވަނީ، މީގެ ފަހުން ކޯޗެއްގެ ގޮތުގައި ފެނިގެން ނުދާނެކަން ކަށަވަރުކޮށްދީފައެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު ދެކުނު އެފްރިކާއަށް އިރުޝާދުދިން ބްރޫސްއަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ވެސް އެންމެ ދިގު މުއްދަތަކަށް ޓީމާ ހަވާލުވެ ހުރި ކޯޗެވެ. އޭނާގެ ބެލުމުގެ ދަށުން އެ ޓީމު ވަނީ 16އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕުން ޖާގަ ހޯދައި، ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
މި މުބާރާތް ފެށުމުގެ ކުރިން ވެސް ކޯޗިން ދާއިރާއާ ދުރަށްދާން އޭނާ ނިންމާފައި އޮތް ނަމަވެސް، ޖޫން 28ވަނަ ދުވަހު ކެނެޑާ އަތުން ބަލިވެ މުބާރާތުން ކެޓި ހިސާބުން އެ ނިންމުމަށް ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތްތަކެއް ކުރެވުނެވެ. އެހެންނަމަވެސް ބްރޫސް މިހާރު ވަނީ އޭނާގެ ނިންމުން ބަދަލުނުކުރާނެ ކަމަށާއި، ދެން ފުޓްބޯޅައަކީ އޭނާގެ ދިރިއުޅުމުގެ މުޅި ދުވަސް އެކަމަށް ހުސްކުރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ދެކުނު އެފްރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސްއާ މަޝްވަރާކޮށްފައިވާކަން ފާހަގަކުރަމުން ބްރޫސް ބުނީ، އެސޯސިއޭޝަނުން އޭނާ މަޑުކުރުވަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، މުޅިން ފުޓްބޯޅައާ ދުރަށް ދިއުމުގެ ބަދަލުގައި އެޑްވައިޒަރެއް ނުވަތަ ސްކައުޓެއް ފަދަ ލުއި ޒިންމާއެއް ނަގަން އޭނާ ހުރީ ތައްޔާރަށެވެ. އަދި އަންނަ ޖުލައި މަހު އެ ގައުމަށް ގޮސް ރަސްމީކޮށް އެންމެންނާ ވަދާއީ ސަލާންކުރާނެކަން ވެސް އޭނާ ހާމަކުރިއެވެ.
ކޯޗުކަމުން ރިޓަޔާކުރުމުން އޭނާގެ އަނބިމީހާ ވަރަށް ބޮޑަށް އުފާވެފައިވާކަން ބްރޫސް ފާހަގަކުރިއެވެ. އެހެން ނަމަވެސް ގޭގައި އެއްވެސް ކަމެއް ނުކޮށް ހުރުމުގެ ބަދަލުގައި، ކޮންމެ ދެ މަހަކުން އެއްފަހަރު މަދު ހަފުތާތަކަކަށް ދެކުނު އެފްރިކާއަށް ގޮސް ފުޓްބޯޅައިގެ ކޮންމެވެސް މަސައްކަތެއްގައި އުޅުމަކީ އޭނާ އެންމެ ބޭނުންވާ ގޮތްކަމަށް މި އިންޓަވިއުގައި ބްރޫސް ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.