ކޮންމެ ދަރިވަރަކީ ވެސް މޫދަށް ފަރިތަ ކުއްޖަކަށް ހެދުމުގެ މަޤުޞަދުގައި ތާޖުއްދީން ސްކޫލުން ފެށި "ފަތަމާ ހިނގާ"ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައި، ތިންސަތޭކައަށް ވުރެ ގިނަ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފިއެވެ.
މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ މި ޚާއްޞަ ހަރަކާތުގައި، އެ ސްކޫލުގެ ގްރޭޑް 2އިން ފެށިގެން 6ގެ ނިޔަލަށް ތައުލީމު ހާސިލުކުރަމުންދާ ޖުމްލަ 327ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އެ ކުދިން ވަނީ ފަންސަވީސް މީޓަރާއި ފަންސާސް މީޓަރާ ދެމެދުގެ ރާސްތާއަކަށް ފަތަން ފަރިތަކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހިންގި މި މުހިންމު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ތާޖުއްދީން ސްކޫލުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އެ ސްކޫލުން ތަޢުލީމީ މަރުހަލާ ނިންމައި ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް ފަތަން ދަންނަ ކުއްޖަކަށް ހެދުމެވެ. އެގޮތުން، މި ޕްރޮގްރާމްގެ ކުރިއަށް ހުރި ބުރުތަކުގައި ގްރޭޑް 1ގެ އިތުރުން މަތީ ގްރޭޑްތައް ކަމަށްވާ 7، 8އަދި 9ގެ ދަރިވަރުން ބައިވެރިކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.