މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ތަށި ފަރަންސޭސި ޤައުމީ ޓީމަށް އުފުލާލެވިއްޖެ ނަމަ، އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަކީ އެ ޤައުމުގެ ފުޓުބޯޅަ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާކަމުގައި ވެގެންދާނެކަމަށް ފަރަންސޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި މުބާރާތުގެ ރަން ތަށި ފަރަންސޭސިން ހޯދައިފި ނަމަ، މިއީ އެމްބާޕޭގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރާނެ ދެވަނަ ވޯލްޑް ކަޕެވެ. އޭނާ މިހާރު ވެސް މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭއިރު، ރަން ބޫޓާ އެކު މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ، ފަރަންސޭސި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތަށް އޭނާގެ ނަން ވާސިލްވާނެކަން ކަށަވަރެވެ. އަދި ފަރަންސޭސި ތާރީޚުގައި ފާހަގަކޮށްލެވޭ ޒިނެދީން ޒިދާން އަދި މިޝޭލް ޕްލެޓިނީ ފަދަ ލެޖެންޑުންނާ އެއް ހަމައެއްގައި އެމްބާޕޭ ގުނާލެވި، އެ ޤައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ބަހުސަށް ޖާގަ ހުޅުވިގެންދާނެއެވެ.
މީގެ ކުރިން 2018ވަނަ އަހަރުގެ ވޯލްޑް ކަޕް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުކުރުމަށް ފަހު، 2022ގެ ފައިނަލްގައި އޭނާ ވަނީ އާޖެންޓީނާ ކޮޅަށް ހެޓްރިކެއް ހަދައި ރަން ބޫޓު ހާސިލުކޮށްފައެވެ. އަދި މިފަހަރުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީއެއް ކާމިޔާބުނުކުރެވުނު ނަމަވެސް، މޮރޮކޯ ބަލިކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. މިހާރު ކެޕްޓަނެއްގެ ގޮތުގައި ޓީމު ގޮވައިގެން އޭނާ ނުކުމެ ހުރީ އަނެއްކާ ވެސް ތަށި ހޯދުމުގެ ފޮނި އުންމީދުގައެވެ.
ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ފަރަންސޭސި ކުޅުންތެރިޔާގެ ޝަރަފު އޮތީ އުމުރުން 27އަހަރުގެ އެމްބާޕޭ އަތުގައެވެ. މީގެ އިތުރުން، މި މުބާރާތް ނިމޭއިރު މުޅި ވޯލްޑް ކަޕް ތާރީޚުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު ވެސް އޭނާއަށް އެބައޮތެވެ. އޭނާގެ އުމުރުގެ ގޮތުން، އަނިޔާއެއް ނެތި ފިޓްކޮށް ހުރެއްޖެނަމަ ކުރިއަށް އޮތް ތަނުގައި އިތުރު ދެ ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.
ފަރަންސޭސި ގިނަ ރައްޔިތުންގެ ނަޒަރުގައި ހުނަރުގެ ގޮތުން ބަލާއިރު ޒިދާންއާ އެމްބާޕޭ އަޅާނުކިޔުނު ނަމަވެސް، ފަރަންސޭސި ފުޓުބޯޅައިގެ ތާރީޚުގައި އެމްބާޕޭ ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި އޭނާއަށް ދެވިފައިވާ މަގާމަކީ އެހެން އެއްވެސް ކުޅުންތެރިއަކަށް ގާތްނުވެވޭނެ ފަދަ އުސްމިނެއްގައިވާ ކަންކަމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.