ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމްބާޕޭ މާފަށް ނޭދިއްޖެ ނަމަ ދައުވާކުރާނެކަމުގެ އިންޒާރުދީފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރި ނަސްލީ ފުރައްސާރައިގެ ޕޯސްޓުތައް ޕެރަގުއޭގެ ސެނެޓަރަކު ޑިލީޓްކުރުމަށް ފަހު، އެމްބާޕޭ ދިން ރައްދަށް އޭނާގެ ކިބައިން މާފަށް ނޭދިއްޖެ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގައި އެމްބާޕޭގެ 70ވަނަ މިނެޓުގެ ޕެނަލްޓީއިން 1-0ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިވި މެޗަށް ފަހު، ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީގެ ސެނެޓަރު ސެލެސްޓޭ އަމަރީޔާ، 61، ވަނީ އެމްބާޕޭގެ ސިފައަށާއި ނަސްލަށް ފާޑުކިޔައި އެކްސް އަދި އިންސްޓަގްރާމްގައި ޕޯސްޓުތަކެއް ކޮށްފައެވެ. މީހުންނަށް އިހާނެތިކޮށް ހިތުމާއި ނަފުރަތު އުފެއްދުމުގެ މި މައްސަލަ ފަރަންސޭސިވިލާތުގެ ޕްރޮސެކިއުޓަރުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.

އެމްބާޕޭއަށް އެޑްރެސްކޮށް އަމަރީޔާ ފަހުން ފޮނުވި ސިޓީއެއްގައި، އޭނާއަށް ކުރެވުނު ކަންތަކާ މެދު ހިތާމަކުރާކަން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ސިޓީގައި އޭނާ ވަނީ، ސެނެޓަރުގެ އަމަލުތަކަށް ފާޑުކިޔައި އެމްބާޕޭ ދިން ރައްދު އަނބުރާ ނުގެންގޮސްފި ނަމަ، އަދި މާފަށް ނޭދިއްޖެ ހާލަތެއްގައި ކޯޓަށް ދާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެމްބާޕޭގެ ފަރާތުން އަންނަ ބަހުގެ ހަމަލާތައް ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން، އުމުރުން 27އަހަރުގެ އެމްބާޕޭ ވަނީ އަމަރީޔާއަކީ އެފަދަ ޒިންމާދާރު މަގާމަކަށް ކުފޫ ހަމަނުވާ ފަރާތެއް ކަމަށާއި، އެއީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫންކަމަށް ބުނެފައެވެ. އަދި އަމަރީޔާގެ މި ދަށުދަރަޖައިގެ އަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުން މީހުންގެ މަތިން ހަނދާންނެތިއްޖެ ކަމަށާއި، ނަސްލީ ތަފާތުކުރުންތަކަށް އެއްވެސް ޖާގައެއް ދުވަހަކު ވެސް ނުދޭނެކަމަށް ފްރާންސްގެ ކެޕްޓަން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޕެރަގުއޭގެ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި، ސެނެޓަރުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ މުޅި ޤައުމުގެ ވިސްނުން ނޫންކަން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމައެއާ އެކު، ފްރާންސްގެ ފުޓްބޯޅަ އިދާރާއިން ވެސް ވަނީ އަމަރީޔާގެ އަމަލުތައް ބަލައިނުގަނެވޭނެކަން ފާހަގަކޮށްފައެވެ.

އަމަރީޔާ ފަހުން ބުނެފައި ވަނީ އޭނާއަށް އެފަދަ ޕޯސްޓުތަކެއް ކުރެވުނީ، މެޗުގެ ތެރެއިން އެމްބާޕޭގެ ފަރާތުން ޕެރަގުއޭގެ ކުޅުންތެރިންނަށް ފެނުނު އިހުތިރާމު ކުޑަ އަމަލުތަކުގެ ސަބަބުން އައި ރުޅީގައި ކަމަށެވެ. އަދި އޭނާއަކީ ވެސް ނަސްލީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވުމާއެކު، ކުރެވުނު ކަންތަކާމެދު ދެރަވެ ޕޯސްޓުތައް ނެގީ ކަމަށެވެ. އެހެން ނަމަވެސް، އެމްބާޕޭ އޭނާއަށް ފާޑުކިޔުމަކީ އަންހެނަކަށް ވީތީ ކުރި ފުރައްސާރައެއް ކަމަށާއި، އެއީ އޭނާގެ ސިޔާސީ ހައިސިއްޔަތަށް އެރި އަރައިގަތުމެއް ކަމަށް އަމަރީޔާ ވަނީ ތުހުމަތުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު