ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ)ކުޅުންތެރިންނަށް އެކަށީގެންވާ ވާދަވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށްޓަކައި ބޭރު ޤައުމުތަކުގެ ކުޅުންތެރިންނާ އެކު ފަރިތަކުރުމުގެ މެޗުތައް ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުން ވަރަށް މުހިންމުކަމަށް ޤައުމީ ޓީޓީ ޓީމުގެ ކޯޗު ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޯޗު ޙުސައިން ވިދާޅުވީ، ރާއްޖޭގައި މި ކުޅިވަރު ކުޅޭ ކުދިންގެ ނިސްބަތް މަދުވުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކާ ކުރިމަތިލާއިރު، ރާއްޖެއިން ބޭރުގައި މަދުވެގެން ހަފްތާއެއްހާ ދުވަހުގެ ޓްރޭނިންގ ކޭމްޕުތައް ބާއްވައި، ބޭރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވަމުންދާ ދުވަސްވަރު ސްކޫލުތަކުގެ އިމްތިޙާނުތަކާ ދިމާވުމަކީ ވެސް ކުދިންގެ ސަމާލުކަން ކުޅިވަރަށް ދިނުމަށް އެޅޭ ހުރަހެއްކަން ކޯޗު ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ޙައްލުކުރުމަށް ޓަކައި، ދުރާލާ ރޭވިގެން މުބާރާތްތަކަށް އަމާޒުކޮށްގެން ކޭމްޕުތައް ކުރިއަށް ގެންދިއުމަކީ ކުޅުންތެރިންގެ ސިކުނޑި އެއްކަމަކަށް ހުސްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ޙުސައިން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު މިހާރު އެކުލެވިގެންވަނީ ގިނަ ޢަދަދެއްގެ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. މި ކުޅުންތެރިން އަންނަނީ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. ހަމައެހެންމެ، ޓޭބަލް ޓެނިހަކީ ދިވެހިރާއްޖެއިން ކޮލިފައިވެގެން އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވި ފުރަތަމަ އަދި ހަމައެކަނި ކުޅިވަރުކަން ވެސް ފާހަގަކުރަންޖެހެއެވެ. މި ތާރީޚީ ކާމިޔާބީ ރާއްޖެއަށް ހޯދައިދިނީ 2024ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި ފާޠިމަތު ދީމާ ޢަލީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.