ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފައިނަލަށް ޚާއްޞަ "ޓްރިއޮންޑާ ފައިނަލް" ތައާރަފުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026ގެ ސެމީ ފައިނަލާއި ފައިނަލް މެޗުތަކުގައި ބޭނުންކުރުމަށް ޓަކައި، ޒަމާނީ ޓެކްނޮލޮޖީއާއި ތަފާތު ފަރުމާއެއް އެކުލެވޭ ގޮތަށް އެޑިޑާސް ކުންފުނިން ތައްޔާރުކުރި ރަސްމީ ބޯޅަ "ޓްރިއޮންޑާ ފައިނަލް"މިއަދު އާންމުކޮށް ދައްކާލައިފިއެވެ.

މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް، މިއީ ހަމައެކަނި ކުލައަށް ބަދަލުގެނެސްގެން ނެރުނު ބޯޅައެއް ނޫނެވެ. މުބާރާތުގެ އެންމެ ވާދަވެރި އަދި މުހިންމު މެޗުތަކުގެ ހައިބަތު ދައްކުވައިދިނުމުގެ ގޮތުން، އެޑިޑާސްއިން ވަނީ މި ބޯޅައިގެ ފަރުމާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މެޗުގެ ރެފްރީންނަށް އެންމެ އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ "ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ"ގެ އެންމެ ފަހުގެ ވާޝަން މި ބޯޅައިގައި ހިމަނާފައިވެއެވެ. މީގެ ސަބަބުން ކުޅިވަރުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ. 

ކުޅުންތެރިން ވޯލްޑް ކަޕްގެ ރަން ތަށްޓާ ހަމައަށް ކުރާ އުނދަގޫ ދަތުރުން ހިތްވަރު ހޯދައިގެން ފަރުމާކޮށްފައިވާ މި ބޯޅައިގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަޅު ކުލައިގެ މައްޗަށް ދީފައިވާ ރަން ކުލައިގެ ކުރެހުންތަކެވެ. މި ކުލަތަކުގެ ގުޅުމުން ބޯޅައަށް ޝާހީ ސިފައެއް ގެނެސްދީ، ފަހު މަރުހަލާގެ މެޗުތަކުގެ ފޯރި އިތުރަށް ގަދަކޮށްދެއެވެ. މި ބޯޅަ އުފައްދާފައި ވަނީ މި އަހަރު ނެރުނު އާދައިގެ "ޓްރިއޮންޑާ"ބޯޅައިގެ ފެންވަރަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.

މީގެ އިތުރުން، މި ފަހަރުގެ ބޮޑު މުބާރާތް ބާއްވާ 16ސިޓީގެ ނަން ވެސް މި ބޯޅައިގައި ފެންނަން ހުރެއެވެ. އެގޮތުން ސެމީގެ މެޗުތަކާއި ފައިނަލް ކުޅޭ ސިޓީތައް ކަމަށްވާ ޑަލަސް، އެޓްލާންޓާ، ނިއުޔޯކް ނިއު ޖާޒީ އަދި މަޔާމީގެ ނަންތައް ބޯޅައިގެ އެންމެ މައިގަނޑު ކުރެހުންތަކުން ފެންނަން ހުންނާނެއެވެ. އަދި ބާކީ ހުރި ސިޓީތަކުގެ ނަންތައް ފަރުމާކޮށްފައި ވަނީ ތިނެސްކަން ބައްޓަމަށް ހުރި ކުރެހުންތަކުގެ ތެރޭގައި އެ ސިޓީތަކުން މުބާރާތަށް ކޮށްދޭ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު