ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ، ބެލްޖިއަމް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
ގަދަ 16ގައި މިއަދު ބެލްޖިއަމްއާ ދެކޮޅަށް ކުޅުނުމެޗުގައި އެމެރިކާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
ކުރީ ބުރުގައި ދެއްކި ރަތް ކާޑާ ގުޅިގެން ލިބުނު ސަސްޕެންޝަން މުރާޖައާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގައި އެދިވަޑައިގަތުމުން، އެމެރިކާގެ ތަރި ފޮލަރިން ބަލޮގުން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މި މެޗްގައި ކުޅެފައެވެ.
ފީފާއިން ވަނީ އޮޓޮމެޓިކް އެއް މެޗުގެ ސަސްޕެންޝަން 12 މަސްދުވަހަށް ފަސްކޮށްދީފައެވެ. ނަމަވެސް، ބެލްޖިއަމްއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މި މުބާރާތުގައި ތިން ލަނޑު ޖަހައިގެން އެމެރިކާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރި ބަލޮގުން ހުރީ މެޗުގައި ވަރަށް ބޮޑަށް އެކަހެރިވެފައެވެ.
ބެލްޖިއަމްއިން މެޗުގެ ލީޑު ނެގީ ނުވަވަނަ މިނެޓުގައެވެ. ނިކޮލަސް ރާސްކިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޑި ކެޓެލެއާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި މާލިކް ޓިލްމަން ފޮނުވާލި ހިލޭ ޖެހުން ބެލްޖިއަމްގެ ހަންސް ވާނަކެންގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލަށް ވަދެ، އެމެރިކާއިން ނަތީޖާ ހަމަހަމަކުރިއެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން، ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ޑި ކެޓެލެއާ ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް، ބެލްޖިއަމްއަށް އަލުން ލީޑު ހޯދައިދިނެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްއަށް ތިންވަނަ ލަނޑު ލިބުނީ ހަދާނެ ގޮތެއް ނޭނގިފައި ހުރި އެމެރިކާގެ ކީޕަރު މެޓް ފްރީޒްގެ އަތުން ޑި ކެޓެލެއާ ބޯޅަ ހޯދުމުންނެވެ. އޭނާ އަތުން ލިބުނު ބޯޅަ ވާނަކެން ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.
އަދި މެޗުގެ 93 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫ ވަނީ އުނދަގޫ އޭންގަލަކުން ފޮނުވާލި ބާރު ހަމަލާއަކުން ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މި މޮޅާއެކު، އަންނަ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިންއާއެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ކުއާޓާއަށް ދިޔައީ ހޯމަ ދުވަހު ޕޯޗުގަލް އަތުން 1-0 އިން މޮޅުވެގެންނެވެ.
ސިއެޓްލްގައި އެމެރިކާ ސިއްސުވާލައިފި
ހޯމަ ދުވަހު އިންގްލެންޑް އަތުން މެކްސިކޯ ބަލިވުމާއި، ހޮނިހިރު ދުވަހު މޮރޮކޯ އަތުން ކެނެޑާ ބަލިވުމާ ގުޅިގެން، އެމެރިކާއަކީ މުބާރާތުގައި ބާކީ އޮތް ހަމައެކަނި ކޯ-ހޯސްޓް ގައުމެވެ.
މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅޭ އެމެރިކާ ޓީމުން 2002ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމަށް އުންމީދު ކުރި ނަމަވެސް، މި ޖީލުގައި އެ ގައުމުން ކުޅުނު އެންމެ މުހިންމު މެޗުގައި ފެނުނީ އުންމީދު ކުރި ވަރަށްވުރެ މާ ދަށް ކުޅުމެކެވެ.
ނަމަވެސް، މި މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނީ ބަލޮގުންގެ އެއް މެޗުގެ ސަސްޕެންޝަން ފަސްކުރުމަށް ފީފާއިން ނިންމި ނިންމުމުގެ ވާހަކައެވެ.
ކުރީ ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ޑިފެންޑަރު ތާރިގް މުހަރެމޮވިޗްއަށް ކުރި ފައުލަކާ ގުޅިގެން ސީދާ ރަތް ކާޑެއް ދެއްކުމުން، އުމުރުން 25 އަހަރުގެ ބަލޮގުންއަށް ސިއެޓްލްގައި ކުޅޭ މި މެޗު ގެއްލޭނެކަން އޮތީ ޔަގީންވެފައެވެ.
ނަމަވެސް އާދީއްތަ ދުވަހު ފީފާއިން ވަނީ އޮޓޮމެޓިކް އެއް މެޗުގެ ސަސްޕެންޝަން 12 މަސްދުވަހަށް ފަސްކޮށްދީފަ އެވެ. މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
މެޗުގެ ކުރިން ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ، ބަލޮގުންގެ ސަސްޕެންޝަން މުރާޖައާ ކުރުމަށް ފީފާގައި އެދިވަޑައިގަތީ، އެ ސަސްޕެންޝަންގެ ސަބަބުން މުބާރާތުގައި "ބޮޑު ކަޅުލައްގަނޑެއް" ޖެހޭނެތީ ކަމަށެވެ.
ނަމަވެސް ބަލޮގުންއަށް އޭނާގެ ތިން ލަނޑުގެ ރެކޯޑަށް އިތުރު ލަނޑެއް އިތުރެއް ނުކުރެވުނެވެ. މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އުނދަގޫ އޭންގަލަކުން އޭނާއަށް ލިބުނު ހަމައެކަނި ރަނގަޅު ފުރުސަތު ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ޕްރެޝަރު އެމެރިކާ ޓީމަށް ވަރަށް ބޮޑަށް ކުރިމަތިވި ކަމަށް ފެނުނުއިރު، ނުރައްކާތެރި ހަމަލާއެއް އުފެއްދުމަށް އެ ޓީމުން ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މިއީ ވޭތުވެދިޔަ ފަސް ވޯލްޑް ކަޕްގެ ތެރެއިން އެމެރިކާ ގަދަ 16ގެ ބުރުން ކަޓައިގެން ދިޔަ ހަތަރުވަނަ ފަހަރެވެ.
ޒުވާން ކުޅުންތެރިންނާއެކު ބެލްޖިއަމް ކުރިއަށް، ޑި ކެޓެލެއާގެ މޮޅު ކުޅުން
މި ވޯލްޑް ކަޕްގައި ހެޑް ކޯޗު ރޫޑީ ގާސިއާ ވަނީ ބެލްޖިއަމްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ލުކާކޫގެ ބަދަލުގައި، އުމުރުން 25 އަހަރުގެ ޑި ކެޓެލެއާ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ. މިއީ އޭނާ މިގޮތަށް ނިންމި ހަތަރުވަނަ ފަހަރެވެ.
މި މެޗުގެ ކުރިން މުބާރާތުގައި ލަނޑެއް ޖެހިފައިނުވާ އެޓަލާންޓާގެ ފޯވާޑް ވަނީ، މާކް ކުރަން ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ދެއްކި މޮޅު ހަރަކާތްތަކާއެކު ދެ ލަނޑު ޖަހައި، ކޯޗުގެ ނިންމުމަށް ފުރިހަމަ ޖަވާބެއް ދީފައެވެ.
ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ހަތަރުވަނަ ލަނޑު ޖަހައިގެން ލުކާކޫ ވަނީ ވޯލްޑް ކަޕްގެ އާ ރެކޯޑެއް ގާއިމްކޮށްފައެވެ. އޭނާ ވެގެން ގޮސްފައިވަނީ އެއް މުބާރާތެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ތިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މީގެ އިތުރުން، ބެލްޖިއަމްގެ ފަހުގެ 37 މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނުނު ނަޕޯލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބެންޗުގައި ބޭންދުމަށް ވެސް ގާސިއާ ނިންމިއެވެ.
ބެލްޖިއަމް ހޯދި މި ކާމިޔާބީއާ އެކު، އެ ގައުމުން ވަނީ ވޭތުވެދިޔަ ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން މުބާރާތެއްގައި ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.