ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަސްޕެންޝަން ފަސްކުރި މައްސަލަ ބެލްޖިއަމްއަށް އިސްތިއުނާފް ކުރެވޭނެ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގަދަ 16ގައި އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑު ފީފާއިން ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފީފާއިން ދީފިއެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ބެލްޖިއަމްގެ އިތުރުން އެމެރިކާގެ ސޮކާ ފެޑެރޭޝަނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ބަލޯގަންއަށް ރަތް ކާޑު ދެއްކީ ދެވަނަ ބުރުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްގެ ފަހަތުން ގޮސް އޭނާގެ ފުންނާބު މަތީގައި ބޫޓުގެ ދަށްފުށުން ޖެހުމުން ދެއްކި މި ކާޑަކީ އާދައިގެ ފައުލަކަށް ދެއްކި ކާޑެއް ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ ސަސްޕެންޝަން އުވާލަން އެދިވަޑައިގެންފައެވެ. އެއާ އެކު ފީފާއިން ވަނީ ބަލޯގަންގެ ސަސްޕެންޝަން އުވާލައި، ބެލްޖިއަމް މެޗުގައި އޭނާ އަށް ކުޅެވޭނެ މަގު ފަހިކޮށްދީފައެވެ.

ފީފާގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ބެލްޖިއަމްގެ އެފްއޭއިން ބުނީ މިއީ މުބާރާތުގެ ގަވާއިދުތަކާ މުޅިން ހިލާފު ނިންމުމެއް ކަމަށާއި، މިކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ބަލާނެ ކަމަށެވެ. މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިން ވެސް ވަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތަކަށް އިސްވެ އެދުނީ ވެސް ބެލްޖިއަމުންނެވެ.

މި މައްސަލަ ބަލާނީ ފީފާގެ އިސްތިއުނާފު ކޮމިޓީގައި ހިމެނޭ، ޔޫއެފާއާއި އުތުރު އެމެރިކާގެ ކޮންކާކަފް ތަމްސީލު ނުކުރާ މެންބަރުންނެވެ. އިސްތިއުނާފު ހުށަހެޅުމަށް އެމެރިކާގެ ގަޑިން ހޯމަ ދުވަހުގެ (ރާއްޖޭ ގަޑިން މިރޭ އިރާކޮޅު)ނިޔަލަށް މުހުލަތު ދީފައިވާއިރު، މިރޭ ރާއްޖޭ ގަޑިން ފަތިހު 5:00ގައި ކުޅޭ މެޗުގެ ކުރިން މި މައްސަލައިގައި ވަކި ގޮތެއް ނިންމޭނެ ކަމުގެ ޔަގީންކަމެއް ފީފާއިން ނުދެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު