ފީފާ ވޯލްޑް ކަޕުން އަލްޖީރިއާ ކެޓުމާ އެކު، އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ރިޔާދު މާރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
އުމުރުން 35އަހަރުގެ މާރޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރީ ވޯލްޑް ކަޕްގައި މިއަދު ސްވިޒަލެންޑް އަތުން 2-0އިން އަލްޖީރިއާ ބަލިވި މެޗަށް ފަހުއެވެ.
އަލްޖީރިއާގެ ގައުމީ ޓީމަށް 2014ވަނަ އަހަރު ކުޅެން ފެށި ހުނަރުވެރި ވިންގާ ވަނީ އެ ގައުމަށް 119މެޗު ކުޅެދީ 40ލަނޑު ކާމިޔާބު ކޮށްދީފައެވެ. މާރޭޒްގެ ކެޕްޓަންކަމުގެ ދަށުން އަލްޖީރިއާއިން ވަނީ 2019ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ގައުމީ ޓީމާ އެކު އެފްރިކަން ކަޕްގެ ހަތް މުބާރާތެއްގައި ވާދަކޮށްފައެވެ.
"ވަރަށް އުފާވެރި ވަގުތުތަކާ އުނދަގޫ ވަގުތުތައް ވެސް ހިނގައްޖެ. އެއީ ކެރިއަރެއްގައި ދިމާވާނެ ކަންކަން. އެންމެ ކުޑައިރުއްސުރެ ވެސް އަލްޖީރިއާ ތަމްސީލު ކުރުމަކީ އަހަރެންގެ ހުވަފެނެއް. ގައުމީ ޓީމަށް ކުޅެވުމަކީ އަހަރެން އެންމެ ފަހުރުވެރިވާ ކަމަކީ. މިއީ މުޅިން އާ ޖީލަކަށް ގައުމީ ޓީމުގެ މަގު ކޮށައިދޭންވީ ވަގުތު" މާރޭޒް ބުންޏެވެ.
މިއީ ފާއިތުވި 12އަހަރުގެ ތެރޭގައި އަލްޖީރިއާއިން ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2014ވަނަ އަހަރު އެ ގައުމުން ވޯލްޑް ކަޕްގައި ކުޅުނުއިރު ވެސް މާރޭޒް ޓީމުގައި ހިމެނުނު ނަމަވެސް، އޭނާ އަށް ކުޅެން ލިބުނީ އެންމެ ފުރަތަމަ މެޗުގައެވެ. ނަމަވެސް މިފަހަރުގެ މުބާރާތާ އޭނާ ކުރިމަތިލީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައެވެ. އޭނާ ވަނީ މި ފަހަރުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ ކޮޅަށް ދެ ލަނޑު ޖަހައިފައެވެ.
ކްލަބް ކެރިއަރަށް ބަލާއިރު، މާރޭޒް އެންމެ ފުރަތަމަ ވިދާލީ 2015/2016ސީޒަނުގައި ލެސްޓާ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި ހިސާބުންނެވެ. އޭގެ ފަހުން 2018ވަނަ އަހަރު 60މިލިއަން ޕައުންޑުގެ އަގަކަށް އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވީ އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ސިޓީގައި އޭނާ ވަނީ ހަތަރު ފަހަރު ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް، ކޮމިއުނިޓީ ޝީލްޑް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން 2023ވަނަ އަހަރު 30މިލިއަން ޕައުންޑަށް އޭނާ ވަނީ ސައުދީ އަރަބިއްޔާގެ އަލް އަހްލީއަށް ބަދަލުވެފައެވެ. އަދި އެ ކްލަބާ އެކު އޭނާ ވަނީ ދެ ފަހަރު އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.