ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

88 އަހަރު ފަހުން ސްވިޒަލެންޑް ނޮކްއައުޓް ބުރުން ދެމިގެންފި

ޝެއާ ކުރޭ Facebook Telegram Viber X

ބްރީލް އެމްބޯލޯ އާއި ޑެން އެންޑޯއީ ޖެހި ލަނޑުތަކުން އަލްޖީރިއާ ފަސޭހަކަމާއެކު ބަލިކޮށް، 1938ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ މެޗަކުން މޮޅުވެ ސްވިޒަލޭންޑުން ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ވެންކޫވަރގައި ކުޅުނު މި މެޗުގެ ކުރީކޮޅު ސްވިޒަލޭންޑުން ލީޑު ނެގީ ފްރައިބާގްގެ ޔޯހާން މަންޒަމްބީ އަރިމަތިން ދެއްކި މޮޅު ކުޅުމަކަށްފަހު، އޭނާގެ ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ދިން ރީތި ޕާހަކުން، މެޗުގެ 10 ވަނަ މިނެޓުގައި ރެންސްގެ ފޯވާޑް އެމްބޯލޯ ކާމިޔާބުކުރި ލަނޑުންނެވެ.

ނޮޓިންގްހަމް ފޮރެސްޓްގެ ވިންގާ އެންޑޯއީ ވަނީ ހާފް ޓައިމް ބްރޭކަށްފަހު ކުޅުން ފެށިތާ އެންމެ 46 ސިކުންތުގެ ތެރޭގައި، އޭރިއާ ތެރެއިން ފޮނުވާލި މޮޅު ހަމަލާއަކުން އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިއީ 1954ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި އޮސްޓްރިއާ އަތުން 7-5 އިން ބަލިވި މެޗަށް ފަހު، ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ސްވިޒަލޭންޑުން އެއް ލަނޑަށް ވުރެ ގިނަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.(މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލަކާ ގުޅިގެން 1954 އެ ޓީމު ކުއާރޓަރއަށް ދަތުރުކުރީ ސީދާ ގްރޫޕް ސްޓޭޖުންނެވެ.)

ނޮކްއައުޓް ބުރުގައި ފުރަތަމަ މޮޅެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ އަލްޖީރިއާއިން ހާފް ބްރޭކްގެ ކުރިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ފާރެސް ޝައިބީ ފޮނުވާލި ބާރެއް ނެތް ހަމަލާ ސްވިޒަލޭންޑްގެ ގޯލްކީޕަރު ގްރެގާ ކޮބެލް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން އެޓީމަށް މާ ނުރައްކާތެރި ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖް ތައާރަފްކުރުމުގެ ކުރިން، 1938ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޖަރުމަނު ބަލިކުރި ފަހުން ސްވިޒަލޭންޑަށް ނޮކްއައުޓް މެޗަކުން މޮޅުވެވިފައި ނުވާއިރު، އެޓީމުން މިވަނީ ފަސޭހަކަމާއެކު ކުރިއަށް ދަތުރުކޮށްފައެވެ.

މުރާތު ޔާކިންގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަށް ތިންވަނަ ލަނޑެއް ޖެހުމަށް މެޗުގެ ފަހުކޮޅު ރަނގަޅު ފުރުސަތެއް ލިބުނެވެ. ފަބިއަން ރީޑާއަށް ގޯލުގެ ދުރު ދަނޑި ކައިރިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ރަނގަޅަށް ފައިގައި ނުޖެހި ދިޔައީ އަލްޖީރިއާގެ ކީޕަރު ލޫކާ ޒިދާންގެ އަތަށެވެ.

ސްވިޒަލޭންޑް މިހާރު ވަނީ ޖެހިޖެހިގެން ހަތަރުވަނަ މުބާރާތުގައި ވޯލްޑް ކަޕްގެ ގަދަ 16އަށް ދަތުރުކޮށްފައެވެ. އެޓީމު ދެން ބައްދަލުކުރާނީ ކޮލަމްބިއާއާއި ގާނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު