ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި ކްލަބް މޯލްޑިވްސް "އެއިޓީން ތާޓީ"އަންހެން ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި، ފުރަތަމަ ނުވަ މިނެޓުގެ ތެރޭގައި ތިން ލަނޑު ވަދެފައިވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)ގެ މައްޗަށް ކުލަބު ވެމްކޯއިން ކުރިހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ޑީއެސްސީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ބަންގްލަދޭޝްގެ ކުޅުންތެރިޔާ ސުމައްޔާ މަތުސުޝިމާގެ އިތުރުން މައީޝާ އަބްދުލް ހަންނާނެވެ. ނަމަވެސް، ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ލަނޑުތަކެއް ޖަހައިގެން 5-3ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ވެމްކޯގެ ލަނޑުތައް ޖަހައިދިނީ މަރިޔަމް ނޫރާ (ދެ ލަނޑު)، ހައްވާ ހަނީފާ، އަޗްލޭ ލަރިއްސާ އޮލިވެއިރާ ޑަ ސިލްވާ އަދި މާޔާ ކަސިއާ ބަލްޑައްސޯއެވެ.
މި އަހަރުގެ މުބާރާތާ ކުރިމަތިލިއިރު، ޑީއެސްސީން ވަނީ ކުރިން އެ ޓީމަށް ކުޅެ ހަތަރު ފަހަރެއްގެ މަތިން ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ބަންގްލަދޭޝްގެ ގައުމީ ކެޕްޓަން ސަބީނާ ކަތުން އަދި ސުމައްޔާ އަލުން ޓީމާ ގުޅުވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ޑީއެސްސީން މުބާރާތް ކާމިޔާބުކުރީ މި ދެ ކުޅުންތެރިންނާ ނުލައެވެ.
މިއަހަރުގެ އެއިޓީން ތާޓީ މުބާރާތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރަސްމީ އެންޑޯސްމަންޓާއެކު ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ތިން ޓީމަކީ ވެމްކޯ، ޑީއެސްސީ އަދި ބިސްބުރު ސްޕޯޓްސް ކްލަބެވެ. ދެ ލެގު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެވަނަ މެޗެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.