ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުޑަކުދިންނަށް އިނގިރޭސި ޓީމުގެ މެޗު ބެލުމަށް ހުއްދަ ދިނުމަށް އިލްތިމާސްކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގަދަ ސޯޅައިގައި މެކްސިކޯއާ ދެކޮޅަށް އިންގްލެންޑް ނުކުންނަ މުހިންމު މެޗު ބެލުމަށް ޓަކައި ދަންވަރު ހޭލާ ތިބުމުގެ ހުއްދަ ސްކޫލް ކުދިންނަށް ދިނުމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބެލެނިވެރިންގެ ކިބައިން އިލްތިމާސްކޮށްފިއެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށް ކުޅޭ މި ފޯރިގަދަ ކުރިމަތިލުން ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މި މަހުގެ ހަވަނަ ދުވަހުގެ ފަތިހު 5:00ގައެވެ. އިނގިރޭސިވިލާތުގެ ގަޑިން މިއީ ދަންވަރު 1:00ކަމަށްވުމާ އެކު، އަދި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށިފައި ނުވާތީ، ކިޔަވާ ކުދިން އެހާ ދަންވަންދެން ހޭލާ ތިބުމަކީ އިނގިރޭސި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ފާހަގަކުރި ގޮތުގައި، ތައުލީމީ ކަންކަމަކީ ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ ކަންކަމެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދު އަންނަނީ ހަތަރު އަހަރުން އެއް ފަހަރު ކަމަށްވާތީ، އަމިއްލަ ގައުމު ތަމްސީލުކުރާ މެޗުތައް ބެލުމުގެ އުފާ ކުދިންނަށް ހޯދައިދޭން ޖެހޭނެއެވެ. މީގެ އިތުރުން، މިއީ އިނގިރޭސިންނަށް ނުހަނު ފައިދާހުރި މެޗެއްކަމަށާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި ޅަދަރިންގެ ހިތްވަރާއި ސަޕޯޓު ޓީމަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ގަދަ 32ގައި އިންގްލެންޑުން ކޮންގޯއާ ބައްދަލުކުރި މެޗު ކުޅެފައި ވަނީ އިނގިރޭސި ގަޑިން ހަވީރު 5:00ގައެވެ. އެހެންކަމުން އެ މެޗު ބެލުމަށް އެ ގައުމުގެ އެކި ކަންކޮޅުތަކުން 15މިލިއަނާއި 20މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް 48ގައުމަކާ އެކު ތިން މަންޒިލެއްގައި ކުރިއަށްދާ މި މުބާރާތުގައި އިނގިރޭސިން ވާދަކުރީ ގްރޫޕް އެލް ގައެވެ. ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާ އެކު ކުޅެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ވަނީ ގަދަ 32އަށް ދަތުރުކޮށްފައެވެ. އަދި ގަދަ 16އިން އެޓީމު ޖާގަ ކަށަވަރުކުރީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މައްޗަށް 2-1ގެ އުނދަގޫ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު