ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކެޓުމުގެ ޒިންމާ ނަންގަވައި ސައޫދީ އެފްއޭގެ ރައީސް އިސްތިއުފާ ދެއްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ސައޫދީ އަރަބިއާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޔާސިރު އަލް މިޝްއާލް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ސައޫދީ ފުޓްބޯޅައިގައި ނުފޫޒުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ޔާސިރު މި ނިންމުން ނިންމެވީ މުބާރާތުގައި އެ ގައުމަށް އެދެވޭ ނަތީޖާއެއް ނުހޯދުމުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

މި ނާކާމިޔާބީއާ ގުޅިގެން ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށާއި މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ސައޫދީން ކުރި އުއްމީދުތަކާ އެއްގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދިޔަ ކަމަށެވެ. އެހެންކަމުން، މިހާރު ހިނގަމުންދާ ދައުރު ނިމުމުން އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމެވީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"މިހެންވެ އަހަރެން ނިންމީ އެންމެ ރަނގަޅު ގޮތަކީ މި ދައުރަށް ފަހު އިތުރު ދައުރަކަށް ކުރިމަތި ނުލުން ކަމަށް. އަހަރެން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން. އަހަރުމެންގެ ޓީމު ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދުކުރި އެންމެންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން" ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އަލް މިޝްއާލް އަކީ ސައޫދީ ޕްރޯ ލީގު އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. މީގެ އިތުރުން، 2034ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައޫދީ އަރަބިއާއަށް ހޯދައިދިނުމަށް ކުރި ބިޑް ކާމިޔާބު ކުރުމުގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ސައޫދީ އަރަބިއާއިން ފުޓްބޯޅައަށާއި ވޯލްޑް ކަޕަށް އަމާޒުކޮށްގެން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަހަރުގެ މުބާރާތުން އެ ގައުމު ކެޓުމަކީ ސައޫދީ ފުޓްބޯޅައަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު