ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑެޝޯމްޕް އެނބުރި ޓީމާ ގުޅިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް، އޭނާގެ މަންމަގެ ޖަނާޒާގައި ބައިވެރިވުމަށް ރަށަށް ދިޔުމަށް ފަހު، އެނބުރި ވޯލްޑް ކަޕް ކޭމްޕާ ގުޅިއްޖެއެވެ.

މަންމަ ނިޔާވުމާ ގުޅިގެން ޑެޝޯމްޕް ފްރާންސަށް ދިޔައިރު، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް)އިން އަންގާރަ ދުވަހު ބުނީ ގްރޫޕް އައި ގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބެންޗުން ނުފެންނާނެ ކަމަށެވެ.

އެސިސްޓަންޓް ކޯޗު ގާއި ސްޓެފަން ޓީމާ ހަވާލުވީ އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯއާ އެކު އެއްބަސްވުމަކަށް އައުމަށް ފަހުއެވެ. އެ މެޗްގައި ނޯވޭގެ މައްޗަށް ފްރާންސުން ވަނީ 4-1އިން ކާމިޔާބުކޮށްފައެވެ. 

ޑެޝޯމްޕް ފުރުމުގެ ކުރިންވެސް ފްރާންސުން އޮތީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. އެއީ ފުރަތަމަ ދެ މެޗުގައި ސެނެގާލް އަތުން 3-1އިން އަދި އިރާގު އަތުން 3-0 އިން ފަސޭހަކަމާ އެކު މޮޅުވެގެންނެވެ. 

2012އިން ފެށިގެން ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ޑެޝޯމްޕް، މި ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ހެޑް ކޯޗުގެ މަގާމުން ވަކިވާނެއެވެ.

އޭނާއަކީ 1998ވަނަ އަހަރު އަމިއްލަ ގައުމުގައި ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަނެވެ. އަދި ކޯޗެއްގެ ގޮތުގައި އޭނާ ވަނީ 14 އަހަރުގެ ކާމިޔާބު ދައުރެއް ފުރިހަމަކޮށްފައެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2018ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ކްރޮއޭޝިއާ 4-2އިން ބަލިކޮށް ފްރާންސަށް ދެވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިނުމެވެ.

ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ ޔޫރޯ 2016 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

ޔޫރޯ ފައިނަލުން އިތުރު ވަގުތުގައި ޕޯޗުގަލް އަތުން 1-0އިން ބަލިވިއިރު، ހަތަރު އަހަރު ކުރިން އާޖެންޓީނާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިފަހަރު އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް އެ ޓީމުން އުންމީދުކުރާއިރު، ތިންވަނަ ވޯލްޑް ކަޕް ކާމިޔާބީއަކަށް ކުރާ ދަތުރު އެ ޓީމުން ފަށާފައި ވަނީ ވަރުގަދަކޮށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު