ޕެނަމާ އަތުން މޮޅުވެ އިންގްލެންޑުން ގްރޫޕް އެލްގެ އެއްވަނަ ހޯދައިފިއެވެ.
މި މެޗްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ވޯލްޑް ކަޕްގައި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައެވެ.
މެޗުގެ 62ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދައިދިންއިރު، އޭގެ ފަސް މިނެޓު ފަހުން އޭނާ ނަގައިދިން ހުރަހަކުން ކޭން ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ.
މިއީ އިންގްލެންޑުގެ ކެޕްޓަން ވޯލްޑް ކަޕްގައި ޖެހި 11 ވަނަ ލަނޑެވެ. މިއާ އެކު އޭނާ ވަނީ ގެރީ ލިނެކާގެ ރެކޯޑަށް ވުރެ އެއް ލަނޑު އިތުރަށް ޖަހާފައެވެ.
މެޗުގެ ބޮޑު ބައެއްގައި އިންގްލެންޑުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި ފަހަތުން ބަލިކަށިކޮށް ފެނުނުއިރު، އަނިޔާގެ އިތުރު މައްސަލައެއް ވެސް ކުރިމަތިވިއެވެ. އެގޮތުން އަނިޔާގައި ހުރި ރީސް ޖޭމްސްގެ ބަދަލުގައި ކުޅެން އެރި ކަނާތްފާތު ބެކް ޖަރެލް ކުއަންސާއަށް އަނިޔާވެ ދެވަނަ ހާފުގައި ވަނީ ބާލަން ޖެހިފައެވެ.
ބެލިންހަމްއަކީ މުޅި މެޗުގައި ވެސް އިންގްލެންޑް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބުކާޔޯ ސާކާ ނަގައިދިން ކޯނަރަކުން ވަރަށް ހުޝިޔާރުކަމާ އެކު ލަނޑެއް ޖަހައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އޭގެ ފަހުން އޭނާ ވަނީ ކޭންއަށް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ކޭން އިންގްލެންޑުގެ ތާރީޚީ ރެކޯޑް އައުކޮށްދީފައެވެ. މިއީ ގައުމީ ޓީމަށް ކުޅެދިން 117 މެޗުން އޭނާ ޖެހި 82 ވަނަ ލަނޑެވެ.
އިންގްލެންޑުން މެޗު ކާމިޔާބުކުރިއިރު، މިއާއެކު އެޓީމު ދެން ބައްދަލުކުރާނީ އެޓްލާންޓާގައި ކުޅޭ ގަދަ 32ގެ ބުރުގައި ޑީއާރު ކޮންގޯއާއެވެ. މި މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯޑަން ހެންޑަސަން ވެގެން ގޮސްފައި ވަނީ ހަތަރު ވޯލްޑް ކަޕެއްގައި އިންގްލެންޑް ތަމްސީލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.އިންގްލެންޑުން ގްރޫޕުގެ އެއްވަނަ ހޯދި ނަމަވެސް، މިއީ ހެޑް ކޯޗު ޓުޗެލް އަށް ކަންބޮޑުވުންތަކެއް ނެތް މޮޅެއް ނޫނެވެ.
ދުނިޔޭގެ ރޭންކިންގެ 42 ވަނައިގައި އޮތް ޕެނަމާ މުބާރާތުން ކަޓާފައިވީ ނަމަވެސް، އެޓީމުން ވަނީ އިންގްލެންޑުގެ ބަލިކަށި ޑިފެންސަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކޮށް، 13 ހަމަލާ އުފައްދާފައެވެ.
މިއަށް ވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އިންގްލެންޑުން މިގޮތަށް ފަހަތް ހުޅުވާލައިގެން ކުޅެފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތްދަތިވާނެއެވެ.
އަދި ޖޭމްސް އަށް ހޭމްސްޓްރިންގް އަނިޔާއެއް ކުރިމަތިވެފައިވާއިރު، ކުއަންސާގެ އަނިޔާ ސީރިއަސް ނުވުމަށް ޓުޗެލް އުންމީދުކުރާނެއެވެ. އެހެން ނޫން ނަމަ ކަނާތްފާތު ބެކްގެ މަގާމަށް އިތުރު މައްސަލަތަކެއް ކުރިމަތިވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.