ވޯލްޑް ކަޕްގެ ގްރޫޕް އައިގައި މިރޭ ފްރާންސާއި ނޯވޭ ބައްދަލުކުރި މެޗް ފްރާންސުން ކާމިޔާބުކޮށްފިއެވެ.
މި މެޗް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ފްރާންސުން ހޯދީ، ބަދަލުތަކަކާ އެކު ކުޅެން ނުކުތް ނޯވޭ ކޮޅަށް އުސްމާން ޑެމްބެލޭ 32 މިނެޓު ތެރޭގައި ކާމިޔާބުކުރި މޮޅު ހެޓްރިކާއެކުގައެވެ.
މެޗުގެ ކުރިން، މިއީ އާލިންގް ހާލަންޑްއާއި ކީލިއަން އެމްބާޕޭގެ ދެމެދުގައި ފެނިގެންދާނެ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ކުރެވުނު އުންމީދުތައް ފެނަށް ދިޔައީ ދެ ޓީމުގެ ލައިންއަޕް އިއުލާންކުރުމުންނެވެ.
ނޯވޭގެ މެނޭޖަރު ސްޓޭލް ސޮލްބާކެން ވަނީ ޓީމަށް 10 ބަދަލެއް ގެނެސްފައެވެ. މީގެ ތެރޭގައި، މި މުބާރާތުގައި އެމްބާޕޭއާ އެއްވަރަށް ހަތަރު ލަނޑު ޖަހާފައިވާ މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑަށް އަރާމުކުރަން ފުރުސަތު ދިނުން ހިމެނެއެވެ.
ނަމަވެސް، އެ ފޫހިކަން ފިލުވައިދިނީ ފެންވަރު ރަނގަޅު ތިން ލަނޑާ އެކު ވޯލްޑް ކަޕް ތާރީޚުގައި ދެވަނައަށް އެންމެ އަވަހަށް ހެޓްރިކް ފުރިހަމަކުރި ކުޅުންތެރިޔާގެ ޝަރަފް ހޯދި ޑެމްބެލޭއެވެ.
މިއީ 1994ވަނަ އަހަރު ކެމަރޫންއާ ދެކޮޅަށް ރަޝިޔާގެ އޮލެގް ސަލެންކޯ ޖެހި ލަނޑުތަކަށް ފަހު، ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ތިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
އަދި މިއީ މެޗެއް ފެށުނީއްސުރެ ބަލާއިރު ވޯލްޑް ކަޕް ތާރީޚުގައި ވެސް ދެވަނައަށް އެންމެ އަވަހަށް ހެދި ހެޓްރިކެވެ. އެއްވަނައިގައި އުޅެނީ 1954ވަނަ އަހަރު ޗެކޮސްލޮވޭކިއާާ ދެކޮޅަށް އޮސްޓްރިއާގެ އެރިކް ޕްރޮބްސްޓް 24 މިނެޓު ތެރޭގައި ހެދި ހެޓްރިކެވެ.
މެޗުގެ ކުރީކޮޅު ފްރާންސުން މުޅިން ކޮންޓްރޯލް ކުރިއިރު، ހަތްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިއީ ނޯވޭގެ ހާފުގެ ތެރެއިން ބޯޅަ ހޯދުމަށް ފަހު، ހުސްކޮށް ހުރި ޑެމްބެލޭއަށް އެމްބާޕޭ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ބެލޮންޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާ ވަނީ އޭނާ ހުއްޓުވަން ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށް ފަހު، ކީޕަރު އީގިލް ސެލްވިކަށް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސުން ދެވަނަ ލަނޑު ޖެހިއެވެ. މިއީ ހަލުވި ކައުންޓަރ އެޓޭކެއްގައި، ކަނާތްފަރާތުން އަރައި ޑެމްބެލޭ އޭނާގެ މޮޅު ވާތުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދުރު ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް، އޭގެ 79 ސިކުންތު ފަހުން ނޯވޭއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މެޗު އަލުން ފެށިގޮތަށް ނޯވޭއިން އުފެއްދި ހަމަލާއެއް ހުއްޓުވުމުގައި ފްރާންސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރޭންޖާސްގެ ފޯވާޑް ތެލޯ އާސްގާޑް ވަނީ ކީޕަރު މައިކް މެންޔޯނަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
އެކަމަކު ޑެމްބެލޭގެ ކުޅުން އެވަރުން ނިމުނީއެއް ނޫނެވެ. އޭނާ ވަނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ވާދަވެރިކަމުގެ ތެރެއަށް ވަދެފައެވެ. އަނެއްކާ ވެސް އޭނާގެ ވާތަށް ބޯޅަ ހެޔޮވަރުކޮށްލުމަށް ފަހު، އޭނާ ވަށާލައިގެން ތިބި ނޯވޭގެ ހަތަރު ޑިފެންޑަރުން ހައިރާންކޮށްލުމަށް ފަހު އިތުރު ލަނޑެއް ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.
ދެވަނަ ހާފުގައި މެޗުގެ ދުވެލި މަޑުވުމާ އެކު، 65 ވަނަ މިނެޓުގައި ޑެމްބެލޭ ބަދަލުކުރިއެވެ. ނަމަވެސް، އޭނާއާ އެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅޭ ޑެސިރޭ ދޫއޭ ވަނީ މެޗުގެ 94ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ރީތި ހަމަލާއަކުން ފްރާންސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.