ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ "ކްލަސިކް 2026"މުބާރާތުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެންއާއި ކުލަބު ޑީޖޭއޭ އިން ބޮޑު މޮޅެއް ހޯދިއިރު، ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)އާއި ކުލަބު ބިނާރާ، އެމްއެމްއޭ ސޯޝަލް ކުލަބު އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް މޮޅަކާ އެކު ފެށުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 19ޓީމެއް ވާދަކުރެއެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެންއިން ވަނީ ބަންޑާރަ ކުލަބު އަތުން 11-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އެޓީމުގެ ވަރުގަދަކަން ސާބިތުކޮށްދީފައެވެ. މި ގްރޫޕުގައި ހިމެނޭ ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ ކުލަބު އެވްސެކްއާ ވާދަކޮށް 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު، ކުލަބު ޑީޖޭއޭ އިން ވަނީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 6-0ގެ ފަސޭހަ މޮޅެއް ހޯދާފައެވެ. މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ކްރިމިނަލް ކޯޓުން ވަނީ އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއެމްއޭޑީޓީޓީ)އާ ވާދަކޮށް 1-0ގެ ހަނި ނަތީޖާއަކުން މޮޅުވެފައެވެ.
މީގެ އިތުރުން ގްރޫޕް ސީގައި ކުލަބު ބިނާރާ އިން ވަނީ ވިޒިޓް މޯލްޑިވްސް ކުލަބު އަތުން 1-0އިން މޮޅުވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެމްއެމްއޭ ސޯޝަލް ކުލަބުން ވަނީ ޕީއެސްއެމްއާ ވާދަކޮށް 4-3ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މި މުބާރާތުގައި ވާދަކުރާ 19ޓީމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. އޭގެ ތެރެއިން ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.