ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަސިކް ފުޓްސަލް މުބާރާތް: ހުޅުމާލެ ހޮސްޕިޓަލާއި، އެވްސެކް އަދި ހެލްތަށް ކާމިޔާބު ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހިމެނޭ "ކްލަސިކް 2026"މުބާރާތް ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުތަކުން ހުޅުމާލެ ހޮސްޕިޓަލާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް)އަދި ހެލްތު ރެކްރިއޭޝަން ކުލަބުން ވަނީ މޮޅު ފެށުމެއް ހޯދާފައެވެ.

މި މުބާރާތުގައި މިއަހަރު 19ޓީމެއް ވާދަކުރާއިރު، ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. އޭގެ ތެރެއިން ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އަތުން ހުޅުމާލެ ހޮސްޕިޓަލް ވަނީ 6-2ގެ ތަފާތަކުން ފަސޭހަކަމާއެކު މޮޅުވެފައެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ މުޙައްމަދު ޒައިދު އަލީ ދެ ލަނޑު ޖެހިއިރު، އާދިލް އަބްދުލް ރަހުމާން، ހަސަން ނާއިފް، އިބްރާހީމް ސޯލިހު އަދި ހަސަން ސޮލާހު ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެޗްޕީއެސްއެންގެ ދެ ލަނޑު ޖަހައިދިނީ އަޙްމަދު ސާމިހު އާއި އަޙްމަދު ޝުއޫނެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އެވްސެކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ޕެމާ)ގެ މައްޗަށް 5-3އިން ކުރިހޯދާފައެވެ. މި މެޗުގައި އެވްސެކްގެ އިބްރާހީމް ޒިޔާން ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ތައުމީން ނޫހު އާއި އީމާން އިލްޔާސެވެ. ޕެމާ ޓީމަށް ދެ ލަނޑު ޖަހައިދިނީ އަޙްމަދުالله މުޙައްމަދު ސަދާތު އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކްލަބް ކްރިމިނަލް ކޯޓު (ސީއާރްސީ)އާއި ކްލަބް ޑީޖޭއޭ ބައްދަލުކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ސީއާރްސީގެ ލަނޑު ޔައިޝް މުސްތަފާ ޖެހިއިރު، ޑީޖޭއޭއަށް ނަތީޖާ އެއްވަރުކޮށްދިނީ އިބްރާހީމް ޒަޔާނެވެ. ނަމަވެސް މި ގްރޫޕުގެ ދެވަނަ މެޗުގައި ހެލްތު ރެކްރިއޭޝަން ކުލަބުން ވަނީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 9-4ގެ ތަފާތު ބޮޑު މޮޅެއް ހޯދާފައެވެ.

ހެލްތު ޓީމުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ޔޫސުފް ޝާހިދު އަދި ނިމާލް ޚާލިދު ވަނީ ހެޓްރިކް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް އާސިފް ހަނީفް އާއި އަބްދުالله މުއާޒް އާދަމް ޖެހިއިރު، އެސްއެމްއީގެ އާދަމް އާޒިމް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ. އެސްއެމްއީގެ ލަނޑުތައް ޖެހީ މުޙައްމަދު އަފްއާން އާދަމް، މަމްދޫހު އިބްރާހީމް، އާދަމް އާޒިމް އަދި އިބްރާހީމް އަހުޒަމެވެ. މި މުބާރާތުގެ ފޯރިގަދަ ހަތަރު މެޗެއް މިރޭވެސް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު