ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެމްޕިއަން ޓީމަށް ތަށި ދޭނީ އެމެރިކާގެ ރައީސް ޓްރަމްޕް: ފީފާ

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ޓީމަށް ރަންތަށި ހަވާލުކޮށްދެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވާނެކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ހާމަކޮށްފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނި ގޮތުގައި، ޖުލައި 19ވަނަ ދުވަހު އެމެރިކާގެ ނިއުޖާޒީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި ދިނުމަށް އޭނާއާ އެކު ރައީސް ޓްރަމްޕް ބައިވެރިވާނެއެވެ.

މިއީ އިންފަންޓީނޯ ފީފާގެ ރައީސްކަމާ ހަވާލުވި ފަހުން އަމަލުކުރަމުން އަންނަ އުސޫލެކެވެ. އެގޮތުން އެންމެ ފަހުން 2022ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބު ކުރުމުން، އެ ޓީމަށް ތަށި ހަވާލުކޮށްދިނީ ގަތަރުގެ އަމީރެވެ. މީގެ އިތުރުން، މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކުލަބު ވޯލްޑް ކަޕްގެ ތަށި ވެސް ޗެމްޕިއަން ޓީމާ ހަވާލުކޮށްދިނީ ރައީސް ޓްރަމްޕެވެ. ނަމަވެސް، އެ ފަހަރު ތަށި ހަވާލުކުރެއްވުމަށް ފަހު ސްޓޭޖުން ނުފައިބޢ ޗެލްސީގެ ކުޅުންތެރިންނާ އެކު ޓްރަމްޕް މަޑުކުރުމުން ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ގައުމުތަކުގެ ވެރިން ލައްވައި ވޯލްޑް ކަޕްގެ ތަށި ދިނުމުގެ ސަގާފަތް މީގެ ކުރިން އޮތީ މެދުކަނޑާލާފައެވެ. އިންފަންޓީނޯގެ ކުރިން ފީފާގެ ރައީސްކަން ކުރި ސެޕް ބްލެޓާގެ ދައުރުގައި މިކަން އެއްކޮށް ހުއްޓާލާފައި އޮތް ނަމަވެސް، އިންފަންޓީނޯ ވަނީ އަލުން މި އުސޫލަށް އަމަލުކުރަން ފަށައިފައެވެ. މިއީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ.

ނަމަވެސް މާޒީއަށް ބަލާއިރު، މީގެ ކުރިން ވެސް ގައުމުތަކުގެ ވެރިން ވަނީ ވޯލްޑް ކަޕްގެ ތަށި ހަވާލުކޮށްދީފައެވެ. އެގޮތުން 1982ވަނަ އަހަރު އިޓަލީގެ ކެޕްޓަން ޑިނޯ ޒެފާ ތަށި ހަވާލުކޮށްދިނީ ސްޕޭނުގެ ރަސްގެފާނު ހުއާން ކާލޮސްއެވެ. އަދި 1966ވަނަ އަހަރު އިނގިރޭސިވިލާތުން މުބާރާތް ކާމިޔާބު ކުރުމުން، އެ ގައުމުގެ ކެޕްޓަން ބޮބީ މުއާއާ ތަށި ހަވާލުކޮށްދިނީ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު