ކްރޮއޭޝިއާ އަތުން ހޯދި ފުރިހަމަ މޮޅާއެކު "ބެންޗްމާކް"އެއް ކަނޑައެޅުމަށް ފަހު، 60އަހަރުވީ ވޯލްޑް ކަޕްގެ އިންތިޒާރަށް ނިމުމެއް ގެނައުމަށް ކުރާ މަސައްކަތުގައި އިންގްލެންޑުން އެއްވެސް ޓީމަކަށް ބިރުގަންނަން ނުޖެހޭނެ ކަމަށް ޑެކްލަން ރައިސް ބުނެފިއެވެ.
ދިފާއީ ބައެއް މައްސަލަތަކެއް ހުރި ނަމަވެސް، ތުރީ ލަޔަންސް ވަނީ ޑެލަސްގައި ކުޅުނު މެޗުގައި، ފާއިތުވި ދެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި ފައިނަލްގައި ކުޅުނު ކްރޮއޭޝިއާގެ މައްޗަށް 4-2އިން ކުރިހޯދާފައެވެ. ކެޕްޓަން ހެރީ ކޭން އާއި ނުފޫޒުގަދަ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ލަނޑު ޖަހައި މުބާރާތް ފެށުން ރަނގަޅުކުރިއިރު، ބެންޗުން ކުޅެން އެރި މާކަސް ރަޝްފޯޑް ޖެހި ލަނޑުން އިންގްލެންޑްގެ ބެންޗުގެ ވަރުގަދަކަން ހާމަވެގެންދިޔައެވެ.
"ކުޅުންތެރިންގެ ހައިސިއްޔަތުން އަހަރެމެންނަށް ފެންވަރު އެނގޭ، ބޭނުންވަނީ ކޮން އެއްޗެއްކަން އެނގޭ، އަދި އެ ފެންވަރުގައި މެޗު ފަށަން ޖެހޭނެ ކަމުގެ ބެންޗްމާކަކީ ދެވަނަ ހާފުގެ ކުޅުން ކަމަށް ބެލެވިދާނެ"މިރޭ ގާނާއާ ދެކޮޅަށް އިންގްލެންޑް ކުޅޭ ވޯލްޑް ކަޕްގެ ދެވަނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައިސް ބުންޏެވެ.
މި ސީޒަނުގައި އާސެނަލްއަށް 22އަހަރަށް ފަހު ފުރަތަމަ ޕްރިމިއާ ލީގު ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު، ކްލަބާއި ގައުމީ ޓީމަށް ކުޅުނު 63ވަނަ މެޗުގެ ދެވަނަ ހާފުގައި ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، ވޯލްޑް ކަޕް ފެށުނުތަނާހެން އޭނާގެ ވަރުބަލިކަން އިތުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރައިސް ވަނީ ދޮގުކޮށްފައެވެ.
"މިފަދަ ދަނޑިވަޅުތަކަށާއި، ދިގު ސީޒަންތަކެއް ކުޅުމަށް އަހަރެންގެ ހަށިގަނޑު ވަނީ ތައްޔާރުކުރެވި ހާނުވާފައި. އަހަރެން ބުނާނީ ޖިސްމާނީ ގޮތުންނަށް ވުރެ ނަފްސާނީ ގޮތުން މި ސީޒަން މާ އުނދަގޫ ކަމަށް، ސަބަބަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ އިހުސާސްތައް ވަރަށް ތަފާތުވާނެތީ"އޭނާ އިތުރަށް ބުންޏެވެ.
ވޯލްޑްކަޕްގައި ބަދުނަސީބު ތާރީޚެއް އޮތް އިންގްލެންޑުން ދަނީ މި އަހަރުގެ މުބާރާތް ތަފާތު މުބާރާތަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ކެޕްޓަން ހެރީ ކޭން ވެސް ވަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ ރޫޙާއި މަސައްކަތް ކުޅުންތެރިންގެ ކިބައިން ފެންނަ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.