ވާރޭގެ ސަބަބުން މެދުކަނޑާލަން ޖެހުނު ފްރާންސާއި އިރާގު ބައްދަލު ކުރި މެޗް 3-0 އިން ފްރާންސް މޮޅުވެއްޖެއެވެ.
މި ނަތީޖާއާ އެކު ފްރާންސުން ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެމްބާޕޭގެ 100 ވަނަ ބައިނަލްއަގުވާމީ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި ރެއާ ހަމަޔަށް ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު އޮންނަ ޖަރމަންގެ މިރޮސްލާވް ކްލޯސާގެ 16ގޯލާ އެއްވަރުކޮށްފައެވެ. ނަމަވެސް ރޭ އޮސްޓްރޭލިއާ ކޮޅަށް ޖެހި ދެ ގޯލާ އެކު މެސީ ވަނީ އޭނާގެ ނަންބަރު 18އަށް އަރުވައި ތާރީޚްގެ ތެރެއަށް އަނެއްކާ ވެސް ވަދެފައެވެ.
އެމްބާޕޭގެ ފުރަތަމަ ލަނޑާ އެކު ފްރާންސް ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ. ނަމަވެސް ބޯކޮށް ވާރޭވެހި، ގުގުރުމުގެ ސަބަބުން މެޗު ދެ ގަޑިއިރަށް ވުރެ ގިނަ އިރަށް މެދުކަނޑާލަން ޖެހުނެވެ. އަދި ލިންކަން ފައިނޭންޝަލް ފީލްޑްގެ ވިނަގަނޑުގައި ހެދިފައި ހުރި ފެންގަނޑުތައް ހިއްކުމަށް ދަނޑުގެ އޮފިޝަލުންނަށް މަސައްކަތް ކުރަން ޖެހުނެވެ.
ސްޓޭޑިއަމްގެ ސްކޯބޯޑުން ވަނީ ބާރުގަދަ ތޫފާނެއް އަންނާތީ، ސަޕޯޓަރުން ފުރާޅު އަޅާފައިވާ ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިރުޝާދު ދީފައެވެ. ފުރަތަމަ ހާފުގެ ބްރޭކްގެ ތެރޭގައި ބޯކޮށް ވާރޭ ވެހެމުންދިޔައިރު، ސަޕޯޓަރުން ތިބީ ވާރޭކޯޓު ލައިގެން ހިޔާވަހިކަން ހޯދައިގެންނެވެ.
އިރާގުގެ ކޯޗު ގްރަހަމް އާނޯލްޑް ވެސް ވާރޭކޯޓެއް ލާން އުޅުމަށް ފަހު، ބޯ ނިވާކޮށްގެން ބެންޗަށް އެނބުރި ދިޔައެވެ. ސްޓޭޑިއަމްގެ މަތީ ބައިގެ ހިޔާކޮށްފައިވާ ސަރަހައްދުތަކުގައި ތިބި ފްރާންސްގެ ސަޕޯޓަރުން ގައުމީ ދިދަ ހޫރަމުން ދިޔައިރު، ގިނަ ބަޔަކު ދިޔައީ ފެންގަނޑުތަކުގައި ކުޅެ ވަގުތު ހޭދަކުރަމުންނެވެ.
މެޗު މެދުކަނޑާލާފައި އޮތް ވަގުތު ދިގުލައިގެން ދިއުމުން ބައެއް ސަޕޯޓަރުން ދަނޑުން ނުކުމެގެން ދިޔައެވެ. މިއީ މިދިޔަ ސީޒަނުގައި އެންއެފްއެލްގެ ފިލަޑެލްފިއާ އީގަލްސް ކުޅުނު ފުރަތަމަ މެޗު ވެސް ވިދުވަރުގެ ސަބަބުން 65 މިނެޓަށް މެދުކަނޑާލަން ޖެހުނު ދަނޑެވެ. މެޗު ދިގުލައިގެން ދިއުމުން ބޭރުގެ ސަޕޯޓަރުންނަށް އެމެރިކާގެ ކުޅިވަރުތަކުގައި ދިމާވާ އުނދަގޫތައް ތަޖުރިބާކުރަން ޖެހުނެވެ. އެއީ ވާރޭގެ ސަބަބުން މެޗު ލަސްވުމާއި، އަގުބޮޑު ކާބޯތަކެއްޗާއި، އަދި ޓީވީ އިޝްތިހާރުތަކަށް ދޭ ބްރޭކްތަކެވެ. ނަމަވެސް، މި މެޗުގެ ދެވަނަ ހާފުގައި އިތުރު ހައިޑްރޭޝަން ބްރޭކެއް ދީފައެއް ނުވެއެވެ.
މޫސުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ފްރާންސްގެ ގިނަ މެޗުތަކެކޭ އެއްފަދައިން މި މެޗަކީ ވެސް އެމްބާޕޭގެ މެޗެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ވޯލްޑް ކަޕްގެ ލަނޑުގެ ރެކޯޑް އޮތް ލިއޮނަލް މެސީއާ އަރާ ހަމަކުރުމަށެވެ.
މި މުބާރާތުގައި އެމްބާޕޭ ޖެހި ތިންވަނަ ލަނޑަކީ، އޭނާގެ ބަލި ފައި ކަމަށް ބެލެވޭ ވާތު ފައިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ބޯޅަ ދިފާއު ނުކުރެވުނީ އިރާގުގެ ގޯލްކީޕަރު އަހުމަދު ބާސިލް އަށެވެ.
އެމްބާޕޭގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ އިރާގުގެ ޑިފެންޑަރު ޒައިދު ތަހުސީން ކީޕަރަށް ދޭން އުޅުނު ނުބައި ޕާހެއްގެ ފައިދާ ނަގައިގެންނެވެ. ޑެމްބެލޭ އެ ބޯޅަ ހޯދައި އެމްބާޕޭއަށް ދިނުމުން އޭނާ ވަނީ ފަސޭހަކަމާ އެކު ކަނާތު ފައިން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގެ ފަހުކޮޅު އެމްބާޕޭއަށް ހެޓްރިކް ހެދުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭނާ ބަދަލުކުރީ 90 ވަނަ މިނެޓުގައެވެ.
ތިންވަނަ ގޯލް ޖެހީ ބެލޮންޑިއޯ ހާސިލްކޮށްފައިވާ އުސްމާން ޑެމްބެލޭއެވެ.
އެމްބާޕޭ ވަނީ 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ހޯދައިދިނުމަށާއި 2022 ވަނަ އަހަރުގެ ފައިނަލަށް ދިއުމަށް އެހީތެރިވެދީފައެވެ. 2022 ގައި އޭނާއަށް ވަނީ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ ސިލްވަރ ބޯލް ލިބިފައެވެ. ޑެސިރޭ ޑުއޭ އަދި ޑެމްބެލޭއާ އެކު ފްރާންސްގެ ކުރީލައިނުގައި ހިމެނޭ އެމްބާޕޭއާ އެކު ފްރާންސް މިއަހަރުގެ މުބާރާތަށް ނުކުތީ ސްޕެއިނާ އެކު އެންމެ ފޭވަރިޓުންގެ ގޮތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.