ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީ އަބަދު ބޯޅައަށް ނުބަލަނީ ކީއްވެ؟ މިއިން ހާމަވަނީ ކޮން ކަމެއް؟

ޝެއާ ކުރޭ Facebook Telegram Viber X

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ހަފުތާގައި ކޭޕް ވާޑްއިން ސްޕެއިން 0-0އިން އެއްވަރުކޮށް ހިފަހައްޓާނެ ކަމަކަށް އެކަކު ވެސް އުންމީދެއް ނުކުރެއެވެ. އޮސްޓްރޭލިއާއިން ތުރުކީ ބަލިކުރާނެ ކަމަކަށް ވެސް އެކަކު ވެސް ހިއެއް ނުކުރެއެވެ.

އަދި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް، މޮރޮކޯއިން ހިފެހެއްޓުމުން، ކޮންމެ ވޯލްޑް ކަޕެއްގައި ވެސް އުފެދޭ ސުވާލު އަނެއްކާ ވެސް އުފެދުނެވެ. ޓީމެއް މޮޅުވާނީ ނުވަތަ ބަލިވާނީ ކޮން ކަމެއްގެ މައްޗަށް ބިނާވެގެން ހެއްޔެވެ؟

ހުނަރު މުހިންމެވެ. ފިޓްނަސް މުހިންމެވެ. ކޯޗިން ވެސް މުހިންމެވެ. ނަމަވެސް ކުޅިވަރުގެ ނަފްސާނީ އިލްމުވެރިއަކު ބުނާ ގޮތުގައި، ދަނޑުމަތީގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދުވަހަކު ވެސް ނުފެންނަ މުޅިން ތަފާތު ކުޅިގަނޑެއް އެބަހިނގައެވެ. އަދި އެކަން މުޅިން ވެސް ހިނގަނީ ކުޅުންތެރިންގެ ސިކުނޑީގެ ތެރޭގައެވެ.

ޑރ. އެރިކް ޒިލްމާ އަކީ ފިލަޑެލްފިއާގެ ޑްރެކްސެލް ޔުނިވާސިޓީގެ ނިއުރޯސައިކޮލޮޖިސްޓެކެވެ. އޭނާ ބޮޑުވީ ޖަރުމަނުގައި ފުޓްބޯޅަ ކުޅެމުންނެވެ. އަދި މިހާރު އޭނާ ހިންގަނީ އެ ޔުނިވާސިޓީގެ ގްލޯބަލް ސްޕޯޓް ލީޑަޝިޕް ސޮލިއުޝަންސް ލެބެވެ. އެތަނުގައި އޭނާ ދިރާސާ ކުރަނީ ޕްރެޝަރުގެ ވަގުތުތަކުގައި މޮޅެތި އެތުލީޓުން ކުޅޭ ގޮތެވެ. ވޯލްޑް ކަޕްގެ ތެރޭގައި ޝާއިއުކުރި ފަހުގެ ދިރާސާއެއްގައި، މި މުބާރާތުގެ ނަތީޖާތަކަށް ނަފްސާނީ ގޮތުން އަސަރުކުރާ ކަމަށް އޭނާ ގަބޫލުކުރާ އުސޫލުތަކެއް ވަނީ ފާހަގަކޮށްފައެވެ. މިއީ މިހާރު ހުރި ކުޅިވަރުގެ ސައިންސާއި، އެންމެ މޮޅެތި ކުޅުންތެރިންނާއި ޓީމުތައް ދަނޑުމަތީގައި ހަރަކާތްތެރިވާ ގޮތް އޭނާ އަމިއްލައަށް ބަލައިގެން ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.

އޭނާ ފާހަގަކުރި ކަންތައްތަކަކީ މިއީއެވެ.

އަހަރެމެން ލަނޑުތައް ފާހަގަކުރަނީ ލޮލަށް ފެންނަ ކަންކަމުގެ މައްޗަށެވެ: ވޮލީ، ބޮލުން ޖަހާ ލަނޑު، ނުވަތަ ރިބައުންސް ހަމަލާއެވެ. ނަމަވެސް އަސްލު ލަނޑު ޖެހުމުގެ މަސައްކަތް ފެށެނީ އޭގެ މާ ކުރިންނެވެ. އަދި އޭގެ ބޮޑު ބަޔަކީ ލޮލަށް ނުފެންނަ ކަންކަމެވެ.

ހަމަލާއެއް ފޮނުވާލުމުގެ ދެތިން ސިކުންތު ކުރިން ފޯވާޑެއްގެ ސިކުނޑި މަސައްކަތް ކުރާ ގޮތާ މެދު ވިސްނާލާށެވެ. އެމީހުން ބޯޅައަށް ފާރަވެރިވެ، ގޯލްކީޕަރަށް ބަލައި، ޑިފެންޑަރުންގެ ހަރަކާތްތައް ދެނެގަނެ، ޓީމުގެ ކުޅުންތެރިން ދުވާ ދިމާ ހޯދައި، އަދި ހުސް ޖާގަ އޮތް ތަންތަން ހިސާބު ކުރެއެވެ. މި ހުރިހާ ކަމެއް ކުރަނީ ބާރަށް ދުވަމުން، ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.

ޑރ. ޒިލްމާ މިއަށް ކިޔަނީ "އެޓެންޝަނަލް ފިޓްނަސް"އެވެ. މީގެ މާނައަކީ ސަމާލުކަން ގެއްލުވާނުލައި، އެއްވަގުތެއްގައި ގިނަ މައުލޫމާތުތަކެއް ސިކުނޑީގައި ބަލަހައްޓައިގެން ހުރުމުގެ ގާބިލުކަމެވެ. އެންމެ މޮޅެތި ފޯވާޑުން އެންމެ މުހިންމު ވަގުތު ޖެހުމުން ހާސްވެގެން ހުއްޓައެއް ނުލައެވެ. އެމީހުން ތިބެނީ ފުރިހަމައަށް ސަމާލުވެގެންނެވެ.

އިނގިރޭސިވިލާތުގެ ހެރީ ކޭން، ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ނޯވޭގެ އާލިން ހާލަންޑް ފަދަ ކުޅުންތެރިންގެ ކިބައިގައި މި ހުނަރު އެބަހުއްޓެވެ. ކުޅުންތެރިއެއްގެ ކިބައިގައި "އައިސް-ކޯލްޑް ކޮމްޕޯޝާ"ނުވަތަ "ނާވްސް އޮފް ސްޓީލް" (ބާރުގަދަ ހިތްވަރެއް)ހުރި ކަމަށް އަހަރެމެން ބުނާއިރު، އޭގެ އަސްލު މާނައަކީ އެހެން މީހުންނަށް ވުރެ މާ ފުރިހަމައަށް އެމީހުންގެ ސިކުނޑިން ޕްރެޝަރު މެނޭޖްކުރާ ކަމެވެ. އަދި ޝައުގުވެރި ކަމަކީ މިއީ އުފަންވާއިރު ހުންނަ މިޒާޖެއް ނޫން ކަމެވެ. މިއީ ތަމްރީނުކޮށްގެން ދަސްކުރެވޭނެ ހުނަރެކެވެ.

މިއީ ޑރ. ޒިލްމާގެ ދިރާސާގައި ހިމެނޭ އެންމެ ޝައުގުވެރި ތަފްސީލަށް ވެދާނެއެވެ. މެޗެއްގެ ތެރޭގައި ލިއޮނަލް މެސީ ބަލާ ދިމާ ސައިންސްވެރިން ދިރާސާ ކުރިއިރު، އެތައް އަހަރެއް ވަންދެން ކޯޗުން ބުނަމުން އައި ވާހަކަތަކާ މުޅިން ހިލާފު ކަމެއް ފެނުނެވެ. އޭނާގެ ދެލޯ ގިނަ ވަގުތު ހުންނަނީ ބޯޅައާ ދުރުގައެވެ.

އޭނާ ހުންނަނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެއް ނޫނެވެ. އޭނާ ދަނީ މުޅި ދަނޑު ބަލަމުންނެވެ. ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "ކޮންޓްރޯލްޑް މައިންޑް-ވޮންޑަރިންގް"އެވެ. އަދި ސިކުނޑީގެ އިމޭޖިން ދިރާސާތަކުން ދައްކާ ގޮތުގައި އެ ވަގުތުތަކުގައި ސިކުނޑި އޮންނަނީ އަރާމުކުރާކަށް ނޫނެވެ. އެއިން ދަނީ މުޅި މަންޒަރު ދެނެގަންނަމުންނެވެ. ޓީމުގެ ކުޅުންތެރިން ތިބި ތަންތަނާއި، ހުސް ޖާގަތަކާއި، ދެން ވާން އުޅޭ ގޮތެވެ.

މެސީ މުޅި ދަނޑު ބަލަނީ ޗާޓެއްގެ ގޮތުގައެވެ. ދެން، ފުރުސަތެއް ލިބޭ ސިކުންތުގައި، އޭނާ މުޅިން ސަމާލުވެ، ހަރަކާތްތެރިވެއެވެ. މުޅި މަންޒަރު ބެލުމުން ފެށިގެން އެންމެ ސިކުންތެއްގެ ތެރޭގައި ފުރިހަމައަށް ސަމާލުކަން ދިނުމަށް ބަދަލުވުން ހިނގަނީ ވަރަށް އަވަހަށެވެ. ގިނަ މީހުންނަށް މިކަމެއް ނުކުރެވޭނެއެވެ. މެސީ މިކަން އަބަދުވެސް ކުރެއެވެ. އަދި އުމުރުން 38އަހަރުގައި ވެސް، އެހެން އެންމެންނަށް ވުރެ މޮޅަށް އޭނާއަށް ކުޅުން ދެނެގަނެވޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

ޑރ. ޒިލްމާ ދައްކާ އެންމެ ޝައުގުވެރި އެއް ވާހަކައަކީ "ޑިސްރަޕްޝަން" (ބުރޫއެރުން)ގެ ވާހަކައެވެ. ކޭޕް ވާޑް ފަދަ ޓީމުތަކަށް ސްޕެއިން ފަދަ ހުނަރުވެރި ޓީމެއް ހުއްޓުވޭ ސަބަބަކީ މިއީއެވެ.

ބުރޫއެރުވުމަކީ ގަސްތުގައި އަނެއް ޓީމުގެ ކުޅުމުގެ ރިދަމް ހަލާކުކޮށްލުމެވެ. އެއީ ގޯސްތައް ހަދަން މަޖުބޫރުކުރުވާ ވަރުގަދަ ޕްރެސިންއެއް ކުރުން، ހަމަލާތަކުގެ ދުވެލި ހުއްޓުވުމަށް ވަގުތުން ކުރާ ޓެކްޓިކަލް ފައުލްތައް، ހާސްކަން އުފެއްދުމަށް ތައްޔާރުކުރާ ސެޓް ޕީސްތައް، ނުވަތަ އިދިކޮޅު ކުޅުންތެރިންގެ ރުޅިގަދަކުރުވުން ފަދަ ކަންކަމެވެ.

މީގެ މުހިންމު ކަމަކީ ބުރޫއެރުވުމަކީ ހަމައެކަނި ގޭމް ޕްލޭނެއް ނޫން ކަމެވެ. އެއީ ވިސްނުމެކެވެ. ޓީމެއް އިދިކޮޅު ޓީމަށް ވުރެ ހުނަރުވެރިވާކަށް ނުޖެހެއެވެ. ބޭނުންވަނީ އިދިކޮޅު ޓީމަށް އުނދަގޫކުރުމުގައި މާ މޮޅުވުމެވެ. އެހެންވެއްޖެ ނަމަ، ހުނަރުގެ ފަރަގު ކުޑަވެގެންދެއެވެ. ގްރޫޕް ސްޓޭޖުގައި މިކަން އެތައް ފަހަރަކު މަސައްކަތްކުރި ތަން އަހަރެމެންނަށް ފެނިއްޖެއެވެ.

ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ނުވަތަ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ފަދަ ކުޅުންތެރިންނަށް ބަލާލުމުން، ދަނޑުމަތީގައި ތިބި އެހެން އެއްވެސް މީހަކު ވިސްނާ ވެސް ނުލާނެ ފަދަ ޕާސްތައް އެމީހުން ދޭތަން ފެންނާނެއެވެ. އެއީ ގުދުރަތީ ހުނަރެއްހެން ހީވިޔަސް، ޑރ. ޒިލްމާ ބުނަނީ އެއީ ހަގީގަތުގައި ތަމްރީނުތަކުން ތަރައްގީ ކުރެވިދާނެ އުފެއްދުންތެރި ވިސްނުމެއް ކަމަށެވެ.

ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "ޑައިވާޖަންޓް ތިންކިން"އެވެ. މިއީ ހަމައެކަނި ފެންނަން އޮތް ހައްލަށް ދިއުމުގެ ބަދަލުގައި، އެއް މައްސަލައަކަށް ގިނަ ހައްލުތަކެއް ހޯދުމުގެ ގާބިލުކަމެވެ. ފުޓްބޯޅައިގެ ގޮތުން ބަލާނަމަ، އެހެން އެންމެންނަށް އެންމެ ޕާހެއް ފެންނައިރު، ހަތަރު ފަސް ޕާސް ދޭނެ ގޮތް ފެނި، އެކަކު ވެސް އުންމީދު ނުކުރާ ފަދަ ޕާހެއް ހިޔާރުކުރުމެވެ.

ޒަމާނީ ފުޓްބޯޅައިގައި މީގެ ބޭނުން ކުރިއަށް ވުރެ މާ ބޮޑެވެ. މިހާރު ކުޅުން ވަނީ ވަކި ގޮތަކަށް ހިފެހެއްޓިފައި ހުންނަ ފޯމޭޝަންތަކާ ދުރަށް ގޮސް، ކުޅުންތެރިން އަބަދުވެސް ބަދަލުވާން ޖެހޭ، އަވަސް އަވަހަށް ޕްރެސްކުރާ ސިސްޓަމްތަކަކަށް ބަދަލުވެފައެވެ. އެކަމަށް ބޭނުންވަނީ ހަމައެކަނި ޖިސްމާނީ ހަލުވިކަމެއް ނޫނެވެ. ނަފްސާނީ ގޮތުން އަވަހަށް ބަދަލުވުމުގެ ގާބިލުކަމެވެ.

އެމެރިކާގެ ހެޑް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މުބާރާތުގެ ކުރިން އޭނާގެ ކުޅުންތެރިން ގާތު "ކުޑަކުދިން ފަދައިން ކުޅުމަށް"ބުނެ، މިކަން ވަރަށް ފުރިހަމައަށް ސިފަކޮށްދިނެވެ. މިއީ އާދައިގެ ވާހަކައެއްހެން ހީވިޔަސް، މީގެ ފަހަތުގައިވާ ނަފްސާނީ ސައިންސް ވަރުގަދައެވެ. ކުޑަކުދިން ތަފާތު ކަންކަން ތަޖުރިބާ ކުރެއެވެ. ކަންކަމަށް މަސައްކަތް ކުރެއެވެ. އެކުދިން ނާކާމިޔާބުވެދާނެތީ ބިރެއް ނުގަނެއެވެ. އެފަދަ މިނިވަންކަމަކީ ބޮޑު ޕްރެޝަރުގެ ވަގުތުތަކުގައި އުފެއްދުންތެރިކަން ދެއްކުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ޔުނިވާސިޓީ އޮފް ގްލޯސްޓަޝަޔާގެ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ ސާރާ ކާވެލް ވެސް ވަނީ މިފަދަ ވާހަކައެއް ދައްކައިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޖިސްމާނީ އަދި ޓެކްޓިކަލް ތަމްރީނުތަކާ އެއްވަރަށް ނަފްސާނީ ތައްޔާރުވުމަށް އިސްކަންދޭ ޓީމުތަކަކީ މި މުބާރާތުގައި އެންމެ ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑު ޓީމުތަކެވެ.

"ދުނިޔޭގެ ފެންވަރުގައި ލިބޭ ކާމިޔާބީ ބިނާވެފައި ވަނީ ހަމައެކަނި ހުނަރުގެ މައްޗަކަށް ނޫނެވެ. އެއީ ޒަމާނީ ކުޅުމުގެ ފޮރުވިފައިވާ ޕްރެޝަރުތަކަށް ކެތްކުރުމާއި އެއަށް ހޭނުމުގެ ގާބިލުކަމުގެ މައްޗަށް ވެސް ބިނާވެގެންވާ ކަމެކެވެ"ވޯލްޑް ކަޕްގެ ކުރިން އޭނާ ލިޔުއްވާފައިވެއެވެ.

ވީމާ، ދެން ފަހަރަކުން ހާލަންޑް އާދަޔާ ހިލާފު ފުރުސަތެއްގެ ބޭނުން ހިފައި ލަނޑެއް ޖަހާ ތަން، ނުވަތަ މެސީ ދެން ނުދެވޭނެ ފަދަ ޕާހެއް ދޭތަން، ނުވަތަ ރޭންކިންގެ 40ދަރަޖަ ފަހަތުގައި އޮތް ޓީމަކުން މޮޅު ޓީމެއް އެއްވަރުކުރާތަން ފެނުމުން، އެ ފެންނަނީ ހަމައެކަނި ފުޓްބޯޅައެއް ނޫންކަން ހަނދާން ކުރާށެވެ. ބޯޅަ ރޮނގު ހުރަސްކުރުމުގެ މާ ކުރިން، އެ ލަނޑު ޖަހާ ނިމެނީ ސިކުންތުކޮޅެއްގެ ތެރޭގައި ސިކުނޑީގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު