ކީޕަރު ރެކޯޑް 15 ސޭވް ކުރުމާ އެކު ކްރަސާއޯ ވޯލްޑް ކަޕްގައި އެ ގައުމުގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްފިއެވެ.
ކެރީބިއަންގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކްރަސާއޯއިން ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އިކުއެޑޯ ހިފަހައްޓައި، ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދިއިރު، ހޮނިހިރު ދުވަހުގެ މެޗުގެ ބަތަލަކަށްވީ އެ ގައުމުގެ ކީޕަރު އެލޯއި ރޫމްއެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގެ ދެވަނަ ހޯދި އިކުއެޑޯއިން ކެންސަސް ސިޓީގައި ކުޅުނު މި މެޗުގައި 28 ހަމަލާ އުފެއްދިއިރު، އޭގެ ތެރެއިން 15 ހަމަލާއެއް ގޯލާ އަމާޒުވި ނަމަވެސް، ރޫމް ވަނީ ގޯލްލައިން މަތީގައި ހައިރާންކުރުވަނިވި މޮޅު ކުޅުމެއް ދައްކައިފައެވެ.
0-0އިން އެއްވަރުވި މި މެޗާއެކު ކްރަސާއޯއަށް ނޮކައުޓް ބުރަށް ދިއުމުގެ އުންމީދު ދެމެހެއްޓިފައިވާއިރު، އެ ގައުމުގެ ފުރަތަމަ ވޯލްޑް ކަޕްގެ ފުރިހަމަ ދަތުރު ވަނީ އިތުރަށް ދިގުދެމިގެން ގޮސްފައެވެ.
ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި މިހާތަނަށް ވާދަކުރާ އާބާދީގެ ގޮތުން އެންމެ ކުޑަ ގައުމު ކަމަށްވާ ކެރީބިއަންގެ މި ކުޑަ ޖަޒީރާ ގައުމަށް އިކުއެޑޯއާ ދެކޮޅަށް ލިބުނު ޕޮއިންޓަށް ޓަކައި ޝުކުރުވެރިވާންޖެހެނީ މިއާމީ އެފްސީގެ ކީޕަރު ރޫމްއަށެވެ.
ރޫމް ހެދި 15 ސޭވްއަކީ 1966 ވަނަ އަހަރުގެ ފަހުން، އިތުރު ވަގުތު ކުޅެފައިނުވާ ވޯލްޑް ކަޕް މެޗެއްގައި ކީޕަރަކު އެންމެ ގިނަ ސޭވް ކުރި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.
އެމެރިކާގެ މިޑްވެސްޓްގައި ކުޅުނު މި މެޗުން އެއްވަރުވުމުން، ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 7-1 އިން ބަލިވުމުން ލިބުނު މާޔޫސްކަމަށް ފަހު އެ ގައުމުގެ ފަޚުރުވެރިކަން އަލުން އަނބުރާ ހޯދައިދިނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.