ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ގަދަ ހޫނުން ކުޅުންތެރިން ރައްކާތެރިކުރުމަށް ޓަކައި މެޗުގެ ތެރެއިން ފެން ބުއިމުގެ ބްރޭކްތަކެއް (ހައިޑްރޭޝަން ބްރޭކްސް)ނެގުން ފީފާއިން ވަނީ މަޖުބޫރުކޮށްފައެވެ.
މި އާ ގަވާއިދާ ގުޅިގެން މުޅިން ތަފާތު ދެ ގްރޫޕަކުން ދަނީ ފާޑުކިޔަމުންނެވެ. ބައެއް މާހިރުން އިންޒާރު ދީފައިވާ ގޮތުގައި، އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން މި ހޫނު މޫސުމުގައި ބާއްވާ ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ ވޯލްޑް ކަޕަށް ވުން އެކަށީގެންވެއެވެ. ގަދަ ހޫނާ މެދު އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ފީފާއިން ވަނީ ފިނިހޫނުމިނަށް ބެލުމެއް ނެތި، ކޮންމެ ހާފެއްގެ މެދުތެރެއިން ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ދިނުމަށް ނިންމާފައެވެ.
ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި މި ބްރޭކްތަކުގެ ސަބަބުން މެޗުގެ އޮއިވަރަށް ބުރޫއަރައި، ކޯޗުންނަށް މެޗުގެ މިސްރާބު އެމީހުންގެ ޓީމު ކޮޅަށް އަނބުރާލުމުގެ ފުރުސަތު ލިބެއެވެ. އަދި ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ހޫނުމިން އިންތިހާއަށް މަތިވާއިރު، ހަށިގަނޑު ފިނިކުރުމަށާއި ފެން މަދުވުން ހައްލުކުރުމަށް މި ބްރޭކްތައް މާ ކުރުވެއެވެ.
"ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކްތަކަށް ބަލާއިރު، މިއީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ނުވަތަ ނުރައްކާތެރި ހާދިސާއަކަށް މަގުފަހިވެދާނެ ކަންކަން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" ކޮލަމްބިއާ ޔުނިވަރސިޓީގެ ނޭޝަނަލް ސެންޓަރ ފޯ ޑިޒާސްޓަރ ޕްރިޕެއާޑްނަސްގެ އެސިސްޓަންޓް ޑިރެކްޓަރ އޮފް އެޕްލައިޑް ރިސާޗް ސާވިސަސް ޖޮޝުއާ އެލް. ޑިވިންސެންޒޯ ބުނެފައި ވެއެވެ.
ސްޓޭޑިއަމްތަކަކީ ބަންދުކޮށްފައިވާ އަދި އެއާކޮންޑިޝަން ކޮށްފައިވާ ތަންތަން ކަމަށް ވިޔަސް، ކޮންމެ ހާފެއްގެ މެދުތެރެއިން ތިން މިނެޓުގެ ކޫލިންގ ބްރޭކެއް ދިނުން މަޖުބޫރުކުރި، މިއީ ފުރަތަމަ ވޯލްޑް ކަޕެވެ.
ފީފާއިން ބުނީ މިއީ "ހުރިހާ މެޗެއްގައި ވެސް ހުރިހާ ޓީމަކަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދިނުމަށް" ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ގަވާއިދުތައް ހަދާފައިވަނީ މާޒީގެ މުބާރާތްތަކުގެ ތަޖުރިބާއަށް ބަލާފައެވެ. އޭގެ ތެރޭގައި މިދިޔަ ހޫނު މޫސުމުގައި އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެއެވެ. އެ މުބާރާތުގައި ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 90 ޑިގްރީ ފަރަންހައިޓް (30 ގެ މެދުތެރޭގެ ސެލްސިއަސް ޑިގްރީ) އަށް ވުރެ މައްޗަށް ދިޔައެވެ. ބައެއް ކޯޗުން ބުނި ގޮތުގައި ހޫނުމިން އިންތިހާއަށް މަތިވާއިރު މި ބްރޭކްތައް ދިނުމަކީ ބުއްދިވެރި ކަމެކެވެ. ނަމަވެސް ކޮންމެ މެޗެއްގައި މި ބްރޭކްތައް ދިނުން މަޖުބޫރު ކުރުމާ މެދު އެމީހުން ސުވާލު އުފެއްދިއެވެ.
ހޫނު އަދި ތެތްކަން ބޮޑު މާހައުލެއްގައި ކުޅުންތެރިންނަށް "އެގްޒާޝަނަލް ހީޓް އިލްނެސް" (ހޫނުގެ ސަބަބުން ވާ ބަލިތައް) ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މައްޗަށް ގޮސް، ހިތާއި، ނާރުތަކާއި، މަސްތަކާއި އަދި ސެންޓްރަލް ނާވަސް ސިސްޓަމަށް ބޮޑު ބާރެއް ކުރިމަތިވުމުން ދިމާވާ ކަމެކެވެ. މީގެ އާންމު އަލާމާތްތަކުގެ ތެރޭގައި މަސްތަކުގައި ރިއްސުން، އިންތިހާއަށް ވަރުބަލިވުން، ކުޅުން ދަށްވުން، ބޮލުގައި ރިއްސުން، ރުޅިގަދަވުން، މޭނުބައިކުރުން، ބޯއެނބުރުން، މަސްތައް ވާންވުން އަދި ހަށިގަނޑުން ފެން މަދުވުން ހިމެނެއެވެ. ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން 105 ޑިގްރީ ފަރަންހައިޓް (40.5 ޑިގްރީ ސެލްސިއަސް) އަށް ވުރެ މައްޗަށް ދިއުމުން، ކުޅުންތެރިންނަށް ވާނުވާ ނޭނގުން، ރުޅިގަދަވުން ނުވަތަ ހަބަރު ހުސްވުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް ޖަޕާނުގެ ވަސޭޑާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސްޕޯޓް ސައިންސަސްގެ އެސޯސިއޭޓް ޕްރޮފެސަރ ޔޫރީ ހޮސޮކާވާ އީމެއިލެއްގައި ބުނެފައި ވެއެވެ.
"މިއީ ހޫނުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ އަލާމާތްތަކެވެ. އަދި މިއަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވެއެވެ." ކުޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި ހޫނާ ގުޅޭ ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށާއި، ކޫލިންގ ބްރޭކްތައް މަދުވެގެން ހަ މިނެޓަށް ހެދުމަށް ގޮވާލައި މެއި މަހު ފީފާއަށް ފޮނުވި ސިޓީއެއްގައި އޭނާ ވެސް ވަނީ ސޮއިކޮށްފައެވެ.
ކުޅިވަރު ކުޅުމުގެ ތެރޭގައި ހޫނުގެ ސަބަބުން ސްޓްރޯކް ޖެހުމަކީ އެތުލީޓުން މަރުވާ އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.. ހަށިގަނޑުން ފެން މަދުވުމަކީ ވެސް މި ނުރައްކާ ބޮޑުވާ ކަމެކެވެ. ހޫނުގަދަ މާހައުލެއްގައި ކުޅޭއިރު އެތުލީޓުންގެ ހަށިގަނޑުން ގަޑިއަކު 1 އާއި 2 ލީޓަރު (50 އާއި 67 އައުންސް) ގެ ދާ ހިއްލައެވެ. އަދި ގިނަ ކުޅުންތެރިން ބޯ ފެނަށް ވުރެ ހަށިގަނޑުން ބޭރުވާ ފެނުގެ މިންވަރު އިތުރެވެ. ހަށިގަނޑުގެ ބަރުދަނުން އެންމެ 2 އިންސައްތަ ފެން މަދުވިޔަސް، ކުޅުމަށް ނޭދެވޭ އަސަރު ކުރެއެވެ. ޑާޓްމައުތު ކޮލެޖްގެ ބަޔޮލޮޖިކަލް ސައިންސަސްގެ ޕްރޮފެސަރ ރަޔަން ކަލްސްބީކް ބުނީ، ހަށިގަނޑު ހޫނުވުމުން އިންސާނާގެ ކުޅުން ރަނގަޅުވާ ކަމަށެވެ. ނަމަވެސް ވަކި ހައްދަކަށް ވުރެ ހޫނުމިން މަތިވެއްޖެ ނަމަ، ކުޅުން ރަނގަޅުވުން ހުއްޓުމުގެ އިތުރުން، ކުއްލިއަކަށް ކުޅުން ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
"ހަށިގަނޑުގެ ބާރުތައް ދެރަވާން ފަށާ، އަދި އަވަހަށް ހަށިގަނޑު ފިނިކުރުމުގެ ގާބިލުކަން ގެއްލިގެންދޭ،" އޭނާ ބުނެފައި ވެއެވެ.
"އަދި ހަށިގަނޑުގެ ފިޒިއޮލޮޖިކަލް ނިޒާމުތައް މުޅިން ހަލާކުވެގެންދޭ." މިއީ ފިނިހޫނުމިނާއި، ތެތްކަމާއި، ވިލާގެ މިންވަރާއި ވައިގެ ބާރުމިން ހިމެނޭ "ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗަރ" 95 ޑިގްރީ ފަރަންހައިޓް (35 ޑިގްރީ ސެލްސިއަސް) އަށް ވުރެ މައްޗަށް ދިއުމުން ދިމާވާ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަކީ ހޫނަށް ކެތްކުރުމުގެ ގާބިލުކަން ބޮޑު ބައެކެވެ. ގަދަ ހޫނުގެ ސަބަބުން ވާނުވާ ނޭނގޭ ގޮތްވުމަކީ އެތުލީޓުން މެޗުގެ ތެރޭގައި މުހިންމު ނިންމުންތައް ނިންމުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މެޗެއްގެ ނަތީޖާ ކަނޑައެޅުމުގައި ކުޅުމަށް އަންނަ މިފަދަ ކުދިކުދި ބަދަލުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ކަލްސްބީކް ބުނެފައި ވެއެވެ.
"ގަދަ ހޫނުގައި ނުވަތަ އުސް ސަރަހައްދުތަކުގައި ކުޅެން މާ މޮޅު ކުޅުންތެރިން ތިބި ނަމަ، އެ ކުދިކުދި ތަފާތުތަކުގެ ސަބަބުން މެޗުގެ ނަތީޖާ މުޅިން ބަދަލުވެގެން ހިނގައިދާނެ." ހައިޑްރޭޝަން ބްރޭކްތައް މިއަށް ވުރެ ދިގުކުރަންޖެހޭ ކަމަށް ބައެއް މާހިރުން ބުނެއެވެ. މަޖުބޫރު ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކްތަކުގެ ބޭނުމަކީ ކުޅުންތެރިންނާއި ރެފްރީން ގަދަ ހޫނުގެ ސަބަބުން ދިމާވާ ބަލިތަކުން ރައްކާތެރިކުރުމާއި، އެމީހުންގެ ކުޅުން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވުމެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ކުޅުންތެރިންނަށް ހަށިގަނޑު ފިނިކޮށް، ދަލާއެކު ބޭރުވި ފެނާއި ލޮނުގެ ބައި އަނބުރާ ހޯދިދާނެއެވެ. ނަމަވެސް މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ބޭނުންކުރާ ފިނިކުރުމުގެ އުސޫލުތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ކުޅުންތެރިޔާގެ ހަށިގަނޑުގެ ބޭރަށް ފެންނަން ހުންނަ ބައިތައް ކަމަށްވާ ކަރާއި، ބޮލާއި، ބުރަކަށި އަދި އަތުގައި ތެތް, ފިނި ތުވާލި އެޅުން ހިމެނެއެވެ.
މިކަން ރަނގަޅަށް ކޮށްފި ނަމަ، މިނެޓަކު ގާތްގަނޑަކަށް 0.22 ޑިގްރީ ފަރަންހައިޓް (0.12 ޑިގްރީ ސެލްސިއަސް) އަށް ހަށިގަނޑުގެ ފިނިހޫނުމިން ދަށްކުރެވިދާނެ ކަމަށް ޔުނިވަރސިޓީ އޮފް ކަނެކްޓިކަޓްގެ ކޮރީ ސްޓްރިންގަރ އިންސްޓިޓިއުޓްގެ ސީއީއޯ ޑަގްލަސް ކާސާ ބުނެފައި ވެއެވެ. އޭނާ ވެސް ވަނީ ފީފާއަށް ފޮނުވި ސިޓީގައި ސޮއިކޮށްފައެވެ.
"ބައެއް މީހުންނަށް ފަސޭހަކަމާއެކު ގިނައިން ފެން ބޮއެގެން ބުރަ ކަސްރަތުތައް ކުރެވިދާނެ. ނަމަވެސް ބައެއް މީހުންނަށް އެގޮތަށް ކަންތަކެއް ނުކުރެވޭނެ. ސަބަބަކީ ބަނޑުތެރޭގައި ފެން ގިނަވުމުން އުނދަގޫތަކެއް ވާތީ. އެހެންކަމުން އެހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންނަށް ގިނައިން ފެން ނުބޮވިދާނެ،" އޭނާ އިތުރަށް ބުނެފައި ވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި، ލިބޭ ވަގުތަކީ ފެން ބުއިމުން ނުވަތަ ފިނިކުރުމުން ކުރާ އަސަރުގެ މިންވަރު ކަނޑައަޅާ އެންމެ މުހިންމު ބަހާއެވެ.
"އެހެންވެ އަޅުގަނޑުމެން މި ލަފާދެނީ ފަސް މިނެޓު ނުވަތަ ހަ މިނެޓުގެ ބްރޭކެއް ދިނުމަށް. ސަބަބަކީ މިފަދަ ބޮޑު ބަދަލެއް ގެންނައިރު އެ ވަގުތުކޮޅުން ވަރަށް ބޮޑު ތަފާތެއް ފެންނާނެތީ." ނަމަވެސް ކުޅުންތެރިއަކު އާދައިގެ ހާލަތަށް އައުމަށް ބޭނުންވާ ވަގުތު ވެސް ތަފާތުވެއެވެ.
"ހަށިގަނޑު ހުންނަ ގޮތުން މަދު ނުވަތަ ގިނަ ވަގުތު ބޭނުންވެދާނެ. އެކަމަކު އެއްވެސް އަރާމެއް ނުވަތަ ބްރޭކެއް ނެތި ހަށިގަނޑު ފިނިކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، މިފަދަ ބްރޭކްތަކަކީ ހަށިގަނޑަށް ވަރަށް މުހިންމު ބްރޭކްތަކެއް،" ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސްގެ ހީޓް ލެބްގެ ޑިރެކްޓަރ ބާރަތު ވެންކަޓް ބުނެފައި ވެއެވެ. ދުނިޔެ ހޫނުވަމުންދާ ވަރަކަށް، ފެން ބުއިމުގެ ބްރޭކްތައް މަޖުބޫރުކުރުމާއި، ކުޅިވަރުތައް ކުޅޭ ތަނާއި، ވަގުތާއި އަދި ކުޅޭ ގޮތް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. "ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލުތަކެއް ގެންނަން ޖެހޭނެ،" އޭނާ ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.