މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުގައި ރޫބެން އަމޮރިމް އިރުޝާދުދިން 63މެޗުގެ ތެރެއިން 24މެޗުން މޮޅުވިއިރު، 21މެޗުން ވަނީ ބަލިވެފައެވެ.
އޭސީ މިލާންގެ ހެޑް ކޯޗަކަށް ، ނިމިދިޔަ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދިން ރޫބެން އަމޮރިމް ހަމަޖައްސައިފިއެވެ.
ރަސްމީކޮށް އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް، އުމުރުން 41އަހަރުގެ އަމޮރިމް މި ހަފުތާގެ ފަހުކޮޅު މިލާނަށް ގޮސް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހަވާލުވާނީ ސީޒަންގެ ފަހުކޮޅު ނަތީޖާތައް ދަށްވުމުގެ ސަބަބުން ޗެމްޕިއަންސް ލީގުން ޖާގަ ނުލިބި، މަގާމުން ވަކިކުރި މެސިމިލިއާނޯ އަލެގްރީގެ ބަދަލުގައެވެ.
އިޓަލީގެ ރިޕޯޓްތައް ބުނާގޮތުގައި، ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑުން އޭނާ ވަކިކުރުމާ ގުޅިގެން އެ ކްލަބުން އޭނާއަށް ދޭންޖެހޭ އެއް އަހަރުގެ މުސާރަ ދޫކޮށްލުމަށް އަމޮރިމް ވަނީ އެއްބަސްވެފައެވެ.
ފެބްރުއަރީ މަހު ޔުނައިޓެޑުން ބުނެފައިވަނީ އަމޮރިމްއާއި އޭނާގެ ކޯޗިން ސްޓާފުން ކްލަބް ދޫކޮށް ދިއުމުން ކްލަބަށް 15.9މިލިއަން ޕައުންޑާ ހަމައަށް ހަރަދުވެދާނެ ކަމަށެވެ.
އަމޮރިމް މަގާމުން ވަކިކުރީ އޯލްޑް ޓްރެފޯޑްގައި އުނދަގޫ 14މަސްދުވަސް ހޭދަކުރުމަށް ފަހުއެވެ.
ނަމަވެސް، އޭގެ ކުރިން އޭނާ ވަނީ ސްޕޯޓިންގްގައި ކުރި މޮޅު މަސައްކަތާއެކު ޔޫރަޕްގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން ކޯޗުންގެ ތެރޭގައި ހިމެނިފައެވެ. އޭނާ ވަނީ 2020-21ވަނަ އަހަރު ސްޕޯޓިންގްއަށް 19އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދައިދީ، އަދި 2023-24ގައި ދެވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދީފައެވެ.
އަމޮރިމް، ނޮވެމްބަރު 2024ގައި އޯލްޑް ޓްރެފޯޑްގައި އެރިކް ޓެން ހާގްގެ ބަދަލުގައި ކޯޗުކަމާ ހަވާލުވީ، ސީޒަން ނިމުމުން ހަވާލުވުމަށް އޭނާ އެދުނު އެދުން ކްލަބުން ގަބޫލުނުކުރުމުންނެވެ.
މިދިޔަ މަހު، ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަން ހާމަވުމާ އެކު، އަމޮރިމްގެ ކުރީގެ ކްލަބް ބެންފީކާގެ ހުސްވާން އޮތް ކޯޗުގެ މަގާމާ އޭނާއާ ގުޅުމެއް ނެތް ކަމަށް އަމޮރިމްއާ ގާތް ފަރާތްތަކުން ބުނެފައިވެއެވެ. އޭގެ ފަހުން އެ މަގާމަށް އައްޔަންކޮށްފައިވަނީ ފުލަމްގެ ކުރީގެ ކޯޗު މާކޯ ސިލްވާއެވެ.
އުންމީދުކުރާ ގޮތަށް އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ، އަމޮރިމްގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ޖުލައި 25ގައި ސެލްޓިކްއާ ދެކޮޅަށް ކުޅޭ ޕްރީ-ސީޒަން މެޗެވެ.
އިއްތިފާގުން، އެމީހުންގެ ޕްރީ-ސީޒަން ކެމްޕޭން ނިންމާލާނީ އޮގަސްޓް 15ގައި ވްރޮކްލޯގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.