ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ނެޓްބޯޅަ ކުރިއެރުވުމަށް ޓަކައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)އާ އެކު ތިން އަހަރު ދުވަހުގެ މުއްދަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ނެޓްބޯޅަ ކުރިއެރުވުމަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް ނުވަތަ "ބީއެމްއެލް ރާއްޖެ ޖޫނިއަ ނެޓްބޯލް ޗެމްޕިއަންޝިޕް"އާއި ޖޫނިއާ ޗެމްޕިއަންޝިޕް މުބާރާތް ހިންގުމަށް ބީއެމްއެލްއިން މާލީ އެހީތެރިކަން ދޭނެއެވެ. މިއީ ރާއްޖޭގައި ނެޓްބޯޅަ އިތުރަށް ތަރައްގީކޮށް، ޒުވާން ކުޅުންތެރިންގެ ހުނަރުތައް ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ބުނާ ގޮތުގައި މިފަދަ މުބާރާތްތައް ގަވާއިދުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ޒުވާން ކުޅުންތެރިންގެ ހުނަރުތައް އިތުރުކޮށް، ގައުމީ ފެންވަރެއްގައި މި ކުޅިވަރު ފުޅާކުރުމެވެ. ބީއެމްއެލްއިން ވެސް ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކަށާއި ގައުމީ އެސޯސިއޭޝަންތަކަށް އެހީތެރިވެ، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ.
ނެޓްބޯޅައިގެ އިތުރުން ވެސް ބީއެމްއެލްއިން ދަނީ ރާއްޖޭގެ އެކި ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، އަދި ޓެނިސް އެސޯސިއޭޝަން ހިމެނެއެވެ. މީގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު ވެސް ބޭންކުން ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.