ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާންއަށް، އެ މުބާރާތުން ލިބެންޖެހޭ މުސާރަ ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ނިންމައިފިއެވެ.
އެމެރިކާއިން އޭނާ އަނބުރާ ފޮނުވާލުމުން ގައުމަށް ދިޔުމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އުމުރުން 34 އަހަރުގެ އަރްޓާންގެ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓަކާއި ސިންގަލް އެންޓްރީ ވިސާއެއް އޮތް ނަމަވެސް، މަޔާމީ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާ ވަނީ ހިފަހައްޓައިފައެވެ. އަދި އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ވަނީ 11 ގަޑިއިރު ވަންދެން އޭނާއާ ސުވާލުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އޭނާ އެތެރެވިޔަނުދިނީ، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބަޔަކާ އޭނާއާ ގުޅުން އޮންނަކަމަށް ބެލެވޭތީއެވެ.
އެހެން ނަމަވެސް، ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް-ޝަބާބާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އިންކާރުކޮށް އަރްޓާން ބުނީ އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށެވެ.
"އަހަރެންގެ އަތުގައި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ވިސާ ވެސް އޮތް. އަހަރެން މިއީ ހަމައެކަނި ރެފުރީއެއް. އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ ވޯލްޑް ކަޕުގައި އިންސާފުކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ މީހެއް،" އޭނާ ބުންޏެވެ.
އެމެރިކާއިން އަނބުރާ ތުރުކީއަށް ފޮނުވާލުމުން، އިސްތަންބޫލްގައި ފީފާގެ އޮފިޝަލުން ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުން މި މުބާރާތުގައި އޭނާއަށް ބައިވެރިނުވެވުނު ނަމަވެސް، ލިބެންޖެހޭ މުސާރަ ދިނުމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ.
އަރްޓާންއަކީ 2025ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފުރީގެ މަގާމު ހޯދި ފަރާތެވެ. އޭނާއަށް މިހާރު ވަނީ އަންނަ އޮގަސްޓް 12ގައި އޮސްޓްރިއާގެ ސާލްޒްބާގްގައި ކުޅޭ ޔުއެފާ ސުޕަ ކަޕް މެޗުގައި އިންސާފުކުރުމުގެ ފުރުސަތު ވެސް ލިބިފައެވެ. އެފްރިކާގެ ކޮންޓިނެންޓަލް ފައިނަލެއްގައި އިންސާފުކުރި ފުރަތަމަ ސޯމާލިއާ ރެފުރީގެ ޝަރަފު ހޯދާފައިވާ އަރްޓާން ވަނީ ޗިލީގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި އެފްރިކާ ކަޕް އޮފް ނޭޝަންސްގައިވެސް ރެފުރީކަން ކޮށްފައެވެ. އޭނާގެ މިހާރުގެ އުއްމީދަކީ 2030ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންސާފުކުރުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.