ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންގްލެންޑް ޓީމްގެ ސާމާނުތަކެއް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތަކުގައި ބޭނުންކުރާ 18،000އެމެރިކާ ޑޮލަރު (13,500 ޕައުންޑް)ގެ އަގުހުރި ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ.

އެ ވައްކަމުގެ ހާދިސާ ހިނގާފައި ވަނީ ފްލޮރިޑާގައި އޮތް ޕްރީ-ޓޯނަމެންޓް ބޭސްއިން، މިސޫރީގެ ސްވޯޕް ސޮކަރ ވިލެޖުގައި ހުންނަ އެ ޓީމުގެ ތަމްރީނު މަރުކަޒަށް ސާމާނުތައް ވެހިކަލެއްގައި އުފުލުމުގެ ތެރޭގައެވެ.

ޖެކްސަން ކައުންޓީގެ ޕްރޮސެކިއުޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވަގަށް ނެގި ތަކެތީގެ ތެރޭގައި ހަތަރު ޖޯޑު ފުޓްބޯޅަ ބޫޓާއި، ބޯޅައަކާއި، ގޯލްކީޕަރު އަންގީގެ އިތުރުން ތަމްރީނު ކިޓްތައް ހިމެނެއެވެ. މީގެ އިތުރުން، ސޮއިކޮށްފައިވާ 15،000ޑޮލަރުގެ އަގުހުރި ތިން ޖާޒީ ވެސް ވަނީ ވަގަށް ނަގައިފައެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ ތަކެތި މިހާރު ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުސްތަފާ ސާލިކް އަދި އިރްފާން ކަމާލް ކިޔާ ދެ މީހެއްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ވަގަށް ނަގާފައިވާ މުދާ ބެލެހެއްޓުމުގެ ދައުވާއެވެ. މިއީ މިސޫރީގެ ގާނޫނުތަކުގެ ދަށުން "ކްލާސް ޑީ" ދަރަޖައިގެ ޖިނާއީ ކުށަކަށް ވާއިރު، ކުށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހުންނަށް އަންނާނެއެވެ.

ޖެކްސަން ކައުންޓީގެ ޕްރޮސެކިއުޓަރ މެލީސާ ޖޯންސަން ވިދާޅުވީ، ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކާއި މުބާރާތުގައި ވާދަކުރާ ބައިނަލްއަގުވާމީ ޓީމުތަކަށް އަމާޒުކޮށް ހިންގާ އެއްވެސް ޖިނާއީ އަމަލަކަށް އެ ކައުންޓީން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ކެންސަސް ސިޓީގެ ފުލުހުން މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކޮށް ދައުވާ އުފުލާފައިވާތީ އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކެންސަސް ސިޓީގެ މޭޔަރު ކުއިންޓަން ލޫކަސް ވެސް ވަނީ އެކި ސްޓޭޓުތަކަށް ފެތުރިގެންދިޔަ މި ތަހުގީގު ކާމިޔާބުކަމާއެކު ނިންމައި، ގެއްލުނު ތަކެތި ހޯދައިދިނުމުގައި ފުލުހުން ކުރި މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. އަދި އެ ސިޓީއަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުށްކުރާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު