ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު އޮންނަންޖެހޭނީ ވަރަށް ހުޝިޔާރުވެގެން: އެންޗެލޯޓީ

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މިރޭ އެފްރިކާގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، ބްރެޒިލްގެ ޓީމުން ވަރަށް ބޮޑަށް ހުޝިޔާރުވާން ޖެހޭނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

މިއީ ކްލަބް ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އެންޗެލޯޓީ، ގައުމީ ޓީމަކާއެކު ވާދަވެރި މުބާރާތެއްގައި އިރުޝާދުދޭ ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭނާ ވަނީ މެޗު ފެށުނީއްސުރެ ނިމެންދެން ފުރިހަމައަށް ސަމާލުކަން ދިނުމަށް ކުޅުންތެރިންނަށް ގޮވާލާފައެވެ.

އެންޗެލޯޓީ ހާމަކުރި ގޮތުގައި ކޮންމެ ކުޅުންތެރިއެއްގެ ހިތުގައި ވެސް ޖެހިލުންވުމެއް އޮތުން މުހިންމެވެ. އެހެން ނޫންނަމަ މުޅި މެޗުގައި އެއްވަރެއްގައި ސަމާލުކަން ނުދެވި، ގޯހެއް ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. މިރޭގެ މެޗުން މޮޅުވާނެ ކަމަށް ބުނަން އުނދަގޫވި ނަމަވެސް، ޓީމު އޮތީ މޮޅުވުމުގެ އުންމީދާ އެކު ވަރަށް ރަނގަށް ތައްޔާރުވެފައެވެ. މީގެ އިތުރުން، އަނިޔާގައި ހުރި ތަޖްރިބާކާރު ފޯވާޑް ނޭމާ، ޓީމުގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފިޓްވާން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭނާ ޓީމުގައި ހިމެނީ ހަމައެކަނި ހުނަރަށް ބަލާފައި ނޫން ކަމަށާއި އޭނާގެ ތަޖްރިބާގެ ބޭނުން ހިފުމަށް ކަމަށް ވެސް ކޯޗު ބުންޏެވެ.

ބްރެޒިލް ޓީމުގައި މިފަހަރު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ޒުވާން ކުޅުންތެރިޔާ ވިނިޝިއަސް ޖޫނިއަރ ބުނީ، މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު އޭނާ ހުރީ ފިޒިކަލް އަދި ޓެކްނިކަލް ގޮތުން އެންމެ ރަނގަޅު ފޯމުގައި ކަމަށެވެ. އެހެންކަމުން ގައުމީ ޓީމަށް އެންމެ ފުރިހަމައަށް އެހީތެރިވެދެވޭނެ ފަދަ މާހައުލެއްގައި އޭނާ ހުރިކަން ވިނިޝިއަސް ފާހަގަކުރިއެވެ.

މޮރޮކޯގެ ކޯޗު މުހަންމަދު ވައަހްބީ ބުނީ ބްރެޒިލްއިން މޮރޮކޯދެކެ ބިރު ނުގަންނާނެ ފަދައިން، އޭނާގެ ޓީމުން ވެސް ބްރެޒިލްދެކެ ބިރު ނުގަންނަ ކަމަށެވެ. ނަމަވެސް ދެ ޓީމުގެ މެދުގައި ބޮޑު އިހުތިރާމެއް އޮންނާނެ ކަމަށް އޭނާ ބުންޏެވެ. ވައަހްބީގެ އަމާޒަކީ މޮރޮކޯއަކީ ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރާނެ ޓީމުތަކުގެ ލިސްޓުގައި ހިމެނޭ ޓީމަކަށް ހެދުމެވެ. އެކަން ހާސިލުކުރުމަށް އޭނާއާއި ކުޅުންތެރިންގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ބައެއް ފަރާތްތަކުން މިފަހަރުގެ ބްރެޒިލް ޓީމަކީ ކުރީގެ ޓީމުތަކާ އަޅާބަލާއިރު ބަލިކަށި ޓީމެއް ކަމަށް ބުނި ނަމަވެސް، ވައަހްބީ އެކަން ގަބޫލެއް ނުކުރެއެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އަދިވެސް ބްރެޒިލް ކަމަށާއި، އެޓީމުގެ ކޮންމެ މަގާމަކުން ވެސް ފެންނަނީ ހުނަރާއި ތަޖްރިބާގެ ގޮތުން ފުރިހަމަ ކުޅުންތެރިން ކަމަށެވެ. އަދި އެފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅެން ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ވެސް މޮރޮކޯގެ ކޯޗު ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު