ލިބުނު އަނިޔާއަކާ ގުޅިގެން، މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިނގިރޭސި ރެފުރީ މައިކަލް އޮލިވާ އިންސާފުކުރަން ހަމަޖެހިފައި އޮތް ފުރަތަމަ މެޗު އޭނާއަށް ގެއްލިއްޖެއެވެ.
އުމުރުން 41އަހަރުގެ އޮލިވާ އަށް މި މެޗު ގެއްލުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މެޗުތަކަށް އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވޭ ކަމަށް ފީފާއިން ވަނީ ހާމަކޮށްފައެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް އީގައި އައިވަރީ ކޯސްޓާއި އެކުއެޑޯ ބައްދަލުކުރާ މެޗުގައި އިންސާފުކުރަން ކުރިން ހަމަޖެހިފައިވަނީ އޮލިވާއެވެ. ނަމަވެސް އޭނާއަށް އަނިޔާވުމާ ގުޅިގެން، މިހާރު އެ މެޗުގެ ރެފުރީއަކަށް ހަމަޖައްސާފައި ވަނީ ފްރާންސްގެ ފްރާންސުއާ ލެޓެކްސިއާއެވެ.
އޮލިވާއަކީ 2010ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި ރެފުރީކަން ކުރަމުން އަންނަ ތަޖުރިބާކާރު އޮފިޝަލެކެވެ. ޔުއެފާގެ އެލީޓް ރެފުރީންގެ ލިސްޓަށް 2018ވަނަ އަހަރު ޕްރޮމޯޓުވި އޮލިވާ ވަނީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޔޫރޯ 2024ގައިވެސް މެޗުތައް ކޮންޓްރޯލް ކޮށްފައެވެ. މީގެ ތެރެއިން 2022ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާއާއި ބްރެޒިލް ބައްދަލުކުރި ފޯރިގަދަ މެޗު ފާހަގަކޮށްލެވެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަށް ހޮވާފައިވާ 52ރެފުރީންގެ ތެރޭގައި އިނގިރޭސިވިލާތުގެ ހަ އޮފިޝަލުން ހިމެނެއެވެ. އޭގެ ތެރޭގައި އޮލިވާގެ އިތުރުން މަޝްހޫރު ރެފުރީ އެންތަނީ ޓޭލާ ހިމެނޭއިރު، އެސިސްޓަންޓް ރެފުރީންގެ ގޮތުގައި ހޮވާފައި ވަނީ ގޭރީ ބެސްވިކް، އެޑަމް ނަން، ސްޓޫއާޓް ބާޓް އަދި ޖޭމްސް މެއިންވޭރިންގްއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 52ރެފުރީންނާއި، 88އެސިސްޓަންޓް ރެފުރީންގެ އިތުރުން 30ވީޑިއޯ މެޗު އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ފީފާއިން ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.