މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ރޭ ބޭއްވި ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާގެ ދިދައަށް ދަނޑުގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށް ފުރައްސާރަކޮށްފިއެވެ.
މިއާއެކު، ދެ ގައުމުގެ މެދުގައި އޮތް ކުޅިވަރުގެ ވާދަވެރިކަން ވަނީ އިތުރަށް ހޫނުވެފައެވެ. މުބާރާތުގައި ވާދަކުރާ 48ގައުމުގެ ދިދަ ދަނޑަށް ވެއްދި ވަގުތު، އެމެރިކާގެ ދިދަ ފެނުމާ އެކު ސްޓޭޑިއަމްގައި ތިބި 80،000އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް، މުބާރާތް ބާއްވާ އަނެއް ދެ ގައުމު ކަމަށްވާ މެކްސިކޯއާއި ކެނެޑާގެ ދިދައަށް ސަޕޯޓަރުންގެ ފަރާތުން ލިބުނީ ހޫނު މަރުހަބާއެކެވެ.
މީގެ އިތުރުން، ސްޓޭޑިއަމްގެ ބޮޑު ސްކްރީނުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވާހަކަދެއްކެވި ވަގުތު ވެސް ސަޕޯޓަރުންގެ ފަރާތުން ވަނީ ބޮޑު ނުރުހުމެއް އަމާޒުވެފައެވެ. އިންފަންޓީނޯއަށް މިފަދަ ރައްދެއް ސަޕޯޓަރުންގެ ފަރާތުން ލިބިފައި ވަނީ، ޓިކެޓްގެ އަގުތަކާއި ފީފާގެ ވިޔަފާރި އުސޫލުތަކާ ހެދި އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މި މުބާރާތް ފެށިގެން މިދިޔައީ ސިޔާސީ ގޮތުންވެސް ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނާއި، ވިސާގެ ކަންކަމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ފީފާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހުރިހާ ހަލަބޮލިކަމެއްގެ ތެރެއިން ވެސް، ހުޅުވުމުގެ ރަސްމިއްޔާތު ފެނިގެންދިޔައީ ވަރަށް ކުލަގަދަ އަދި ފުރިހަމަ އިވެންޓެއްގެ ގޮތުގައެވެ. ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝަކީރާ، ޖޭ ބަލްވިން، ބާނާ ބޯއި އަދި ޑެނީ އޯޝަންގެ ހިތްގައިމު ހުށަހެޅުންތަކުގެ އިތުރުން، މެކްސިކޯގެ ސަގާފީ ހަރަކާތްތަކާއި ފުރިހަމަ ހަވާ އެރުވުމެއް މި ރަސްމިއްޔާތުގައި ވަނީ ދައްކާލައިފައެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯއިން ވަނީ 0-2ގެ ނަތީޖާއަކުން ސައުތް އެފްރިކާ ބަލިކޮށް، އެ ގައުމުގެ ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.