އައިއެޗްއެފް ޓްރޮފީ ޒޯން 2 މެންސް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުން ނޭޕާލް އަތުން 21-29 އިން ބަލިވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 38-21 އިން ރާއްޖެ މޮޅުވި ނަމަވެސް، ރާއްޖޭގެ ޒުވާން ޓީމު މިވަނީ ބަންގްލަދޭޝް އަދި ނޭޕާލް އަތުން ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. އެ ދެ މެޗުން ބަލިވި ނަމަވެސް ފަހު ކަށިގަނޑާ ހަޔަމަށް ވެސް ޓީމުން ވަނީ ހިތްވަރާއެކު ކުޅެ، އުންމީދު އާކޮށްފައެވެ.
މެޗުގެ ތެރެއިން ނޭޕާލުން ލީޑެއް ހޯދި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ ފަރަގު ކުޑަކުރުމަށް ފުރުސަތުތައް ހޯދުމަށް މެދުކެނޑުމެއް ނެތް މަސައްކަތްތަކެއް ކޮށްފައެވެ.
މެޗުގެ ނަތީޖާއަކީ ޓީމުން އުންމީދުކުރި ނަތީޖާ ނޫން ނަމަވެސް، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ލިބުނު ތަޖުރިބާއަކީ މި ޒުވާން ސްކޮޑް ކުރިއެރުވުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ.
ރާއްޖޭގެ ޓީމުން މިހާރު ތައްޔާރުވަމުންދަނީ ޖޫން 14ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. މި މެޗުގައި ޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖު ރަނގަޅު ނަތީޖާއަކާ އެކު ނިންމާލުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.