ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕްގައި އިންގްލެންޑަށް ދެވޭނީ ކިހާ ހިސާބަކަށް؟

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑްކަޕް މިރޭ ފެށޭނއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެމެރިކާ، މެކްސިކޯ އަދި ކެނެޑާއަށް ދަނީ ޖަމާވަމުންނެވެ. މިއީ ފުޓްބޯޅައިގެ ފޯރިގަދަ މޫސުމަކަށް ވެގެންދާނެއެވެ. ބައެއް ޓީމުތަކުގެ ހަމައެކަނި އުންމީދަކީ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުން ކަމަށްވާއިރު، އަނެއްބައި ޓީމުތަކަށް އެނގެނީ ޖުލައި މަހުގެ ފަހުކޮޅު ތަށި އުފުލާލުން ފިޔަވައި އެހެން ކޮންމެ ނަތީޖާއަކީ ނާކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެ ކަމެވެ. އެހެންކަމުން، އުފަލާއި ހިތާމައިން ފުރިގެންވާ ފަސް ހަފުތާއާއި ބައިގެ ފޯރިގަދަ ޑްރާމާއަކަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ.

އިންގްލެންޑް ޓީމަކީ އަބަދުވެސް މި މުބާރާތަށް އަންނަ ވަރުގަދަ ޓީމެކެވެ. އަބަދުވެސް ދުނިޔޭގެ ނަން މަޝްހޫރު ކިތަންމެ ނަމެއް ސްކޮޑްގައި އޮވެއެވެ. ނަމަވެސް އެނބުރި ދާން ޖެހެނީ ހުސްއަތާއެވެ. ގޯލް ޑޮޓްކޮމްގެ އެޑިޓަރުން ވަނީ އިންގްލެންޑް މި އަހަރުގެ މުބާރާތުގައި ދަތުރުކުރާނެ މިންވަރު ލަފާކޮށްފައެވެ.

މާކް ޑޮއިލް: ކުއާޓާ ފައިނަލް. ގުރުއަތުލުން އަނެއްކާ ވެސް އިންގްލެންޑަށް ވަރަށް ފަހިވެފައިވާއިރު، ގްރޫޕް ސްޓޭޖު ފަސޭހަކަމާއެކު ފަހަނައަޅައި، 32 ޓީމުގެ ބުރުގައި ބައްދަލުކުރާ ކޮންމެ ޓީމެއްގެ މައްޗަށް ވެސް އެމީހުން ކުރިހޯދާނެއެވެ. ގަދަ 16ގައި އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯއާ ބައްދަލުކުރަން ޖެހިދާނެއެވެ. ނަމަވެސް، މުބާރާތް ބާއްވާ އެއް ގައުމު ބަލިކުރުމުގެ ފެންވަރު "ތުރީ ލަޔަންސް"ގެ ކިބައިގައި ހުންނާނެއެވެ. އެ ހިސާބަށްދާއިރު، ތޯމަސް ޓުޗެލްގެ ކުޅުންތެރިންނަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރިހަމަ އިތުބާރާއި ހިތްވަރު ލިބިދާނެއެވެ. ނަމަވެސް އަޅުގަނޑަށް ހީވަނީ މޫސުމީ ހާލަތުގެ ސަބަބުން - ފަހަރުގައި މިއާމީގައި ކުއާޓާ ފައިނަލް ކުޅެން ޖެހިއްޖެ ނަމަ - ޖިސްމާނީ ގޮތުން ބުރަ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ކްރިޝަން ޑޭވިސް: މި ވޯލްޑް ކަޕަކީ 60 އަހަރުވީ ހިތްދަތިކަމަށް ނިމުމެއް ގެނައުމަށް އިންގްލެންޑަށް ލިބޭ ރަން ފުރުސަތެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، އަޅުގަނޑު ލަފާކުރަނީ އުތުރު އެމެރިކާގައި އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެމީހުން ގްރޫޕް ސްޓޭޖާއި އަލަށް ތައާރަފުކުރި 32 ޓީމުގެ ބުރު ފަހަނައަޅައިދާނެއެވެ. ނަމަވެސް ގަދަ 16ގައި މެކްސިކޯގެ އަމިއްލަ ދަނޑު ކަމަށްވާ އަޒްޓެކާގައި އެމީހުންނާ ދެކޮޅަށް ކުޅެން ޖެހުމަކީ ބިރުވެރި ކަމެކެވެ. އެ އިމްތިހާނުން ފާސްވި ނަމަވެސް، ކުރިއަށް އޮތީ ބްރެޒިލް، އާޖެންޓީނާ އަދި ސްޕެއިން ފަދަ ޓީމުތަކެވެ. އަދި ޓުޗެލްގެ ޓީމު މީގެ ތެރެއިން ކޮންމެ މެޗަކުން ބަލިވި ނަމަވެސް އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. މުބާރާތުގެ ކުރިން ސްކޮޑު ހޮވުމާ ބެހޭގޮތުން އަބަދުވެސް ބޮޑެތި ބަހުސްތަކެއް ކުރެވޭއިރު، އަޅުގަނޑަށް ހީވަނީ ބެންޗު ބަލިކަށިވުމާއި މުބާރާތްތަކުގެ ތަޖުރިބާ މަދުވުމުގެ ހިތި ނަތީޖާ އިންގްލެންޑަށް ފެންނާނެ ކަމަށެވެ.

ސްޓީވަން ޑާވިން: އަޅުގަނޑުގެ ހިތް ބުނަނީ އިންގްލެންޑުން މިކަން ކުރާނެ ކަމަށެވެ. ނަމަވެސް ސިކުނޑި ބުނަނީ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ބަހުސް އުފެދޭ ގޮތަށް ސްކޮޑު ހޮވުމާ ގުޅިގެން ތޯމަސް ޓުޗެލްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އިންގްލެންޑުން ފެށުން ރަނގަޅު ނުކޮށްފި ނަމަ، އޭނާއަށް ކުރިމަތިވާ ޕްރެޝަރު ވަރަށް ބޮޑުވާނެއެވެ. ނިމިދިޔަ ޔޫރޯގައި އިންގްލެންޑަށް ނަސީބު އެހީތެރިވިއެވެ. ނަމަވެސް އުތުރު އެމެރިކާގެ ހޫނުގަދަ މޫސުމުގައި އެ ނަސީބު އަލުން ތަކުރާރުވެ، އެމީހުން މުބާރާތުގެ ފަހުކޮޅާ ހަމައަށް ގެންގޮސްދޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެމީހުން ގަދަ އަށަކަށް ދާންޖެހޭނެއެވެ. ނަމަވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ކްލަބު ލެވެލްގައި ވަރުބަލި ސީޒަނެއް ނިންމާލުމަށް ފަހު އައުމުން، އަނެއްކާ ވެސް އެމީހުންނަށް މުބާރާތް ކާމިޔާބުނުކުރެވި ނިމޭނެ ކަމަށް ބެލެވެއެވެ.

އެމީ ރުސްކައި: ފަހަކަށް އައިސް ބޮޑެތި މުބާރާތްތަކުގައި އިންގްލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މިއަހަރު މުބާރާތުގެ ފަހު ބުރުތަކަށް ދިއުމުގެ މަގު ވަރަށް އުނދަގުލެވެ. ސްކޮޑާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ބާކީކުރި މުހިންމު ކުޅުންތެރިންގެ ސަބަބުން ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އަދި ފުރަތަމަ އެގާރައަށް އެހީތެރިވުމަށް ބެންޗުން ނުކުންނަ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ތޯމަސް ޓުޗެލް ތަފާތު ގޮތަކަށް މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެކެވެ. ހާއްސަކޮށް މި ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް ތަފާތު ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނަމަވެސް، ކުއާޓާ ފައިނަލްގައި ބްރެޒިލްއާ ބައްދަލުކުރަން ޖެހިއްޖެ ނަމަ އެއީ ވަރަށް އުނދަގޫ މެޗަކަށް ވާނެއެވެ. އަދި އިންގްލެންޑުގެ ވޯލްޑް ކަޕްގެ ހުވަފެން ނިމުމަކަށް އަންނާނީ އެ ހިސާބުން ކަމަށް ބެލެވެއެވެ.

ކްރިސް ބާޓަން: ކުއާޓާ ފައިނަލް. އިންގްލެންޑުން އަބަދުވެސް ކުރާ ކަންތައް ކުރާނެއެވެ - ގްރޫޕް ސްޓޭޖު ފަސޭހަކަމާ އެކު ފަހަނައަޅައި، ނޮކްއައުޓް ބުރުގެ ކުރީކޮޅު މާ ފޯރިއެއް ނެތް ކުޅުމެއް ދައްކައި (ފަހަރުގައި ޕެނަލްޓީ ޝޫޓްއައުޓެއް ވެސް ހިމެނިދާނެ)، އެއަށް ފަހު ވަރުގަދަ ޓީމަކާ ބައްދަލުކޮށް މުބާރާތުން ކަޓާނެއެވެ. ތޯމަސް ޓުޗެލްގެ ސްކޮޑުގައި ބެންޗުން ނުކުމެ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިންނެއް ނެތެވެ. "ޕްލޭން އޭ" މަސައްކަތް ނުކޮށްފި ނަމަ ވާނެ ގޮތް އެމީހުންނަށް ވަރަށް ހިތްދަތި ގޮތަކަށް އިހުސާސް ކުރަން ޖެހޭނެއެވެ.

ޕީޓާ މެކްވިޓީ: ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހުމަކީ ތޯމަސް ޓުޗެލްގެ ޓީމަށް ގޮންޖެހުމަކަށް ވެދާނެއެވެ. ނަމަވެސް މި ގްރޫޕުން ކުރިއަށް ނުދެވިއްޖެ ނަމަ އެއީ އިންގްލެންޑަށް ކުރިމަތިވާނެ ވަރަށް ބޮޑު ކާރިސާއެކެވެ. ގްރޫޕުގެ އެއްވަނަ ހޯދައިފި ނަމަ، މަދުވެގެން ސެމީ ފައިނަލާ ހަމައަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެ ހިސާބުން ހެރީ ކޭން، ޖޫޑް ބެލިންހަމް އަދި ޑެކްލަން ރައިސް ހިމެނޭ ޓީމުގެ ހަގީގީ ފެންވަރު ވަޒަންކުރެވޭނެއެވެ.

ޓޮމް މާސްޓަން: ފަހަރުގައި އަޅުގަނޑަށް ގެރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނު ގޮތް މާ ބޮޑަށް އާދަވީއެވެ. ނަމަވެސް މިހާރު ތޯމަސް ޓުޗެލްއާއި ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން އެހާ ރަނގަޅު ކަމަކަށް ނުފެނެއެވެ. ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. އަދި ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިން ނޮވެމްބަރު މަހުގެ ފަހުން އެކުގައި ކުޅެފައެއް ނުވެއެވެ. ސައުތުގޭޓް ވަކި ކުޅުންތެރިންތަކަކަށް އިސްކަންދޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، ޓުޗެލް ވެސް މިހާރު ދަނީ އެ މަގުން ހިނގަމުންނެވެ. މިއީ ޓީމަށް ލިބޭނެ ގެއްލުމެކެވެ. މިއީ މާޔޫސްކުރުވަނިވި މުބާރާތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ގަދަ 16ގައި މެކްސިކޯ އަތުން ބަލިވެގެން ނުވަތަ ގްރޫޕުގެ އެއްވަނަ ކްރޮއޭޝިއާއަށް ލިބުމުގެ ސަބަބުން ގަދަ 16ގައި ސްޕެއިން އަތުން ބަލިވެގެން އިންގްލެންޑް މުބާރާތުން ކަޓާނެ ކަމަށް ބެލެވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު