މި ޓްރާންސްފަރ ބާޒާރުގައި އެންމެ ނަން ހިނގާ ، އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ހޯދުމަށް ވާދަވެރި ރެއާލް މެޑްރިޑް ހުށަހެޅި ހުށަހެޅުން އެތުލެޓިކޯއަށް ވަރަށް މަޖާވެއްޖެއެވެ.
އާސެނަލްގެ އިތުރުން ބާސާ ވެސް ޝައުޤުވެރިވާ މި ކުޅުންތެރިޔާ ހޯދުމަށް ރެއާލުން ހުށަހެޅީ 150 މިލިއަން ޔޫރޯއެވެ. އެ ހުށަހެޅުމަށް ފަހު ރެއާލުން ނެރުނު ބަޔާނުގައި ބުނީ އަލްވަރޭޒް ހޯދުމަށް ކުރި ބިޑަށް އެތުލެޓިކޯއިން މަރުޙަބާ ކިޔައި ޝުކުރުއަދާކޮށްފައިވާ ކަމަށެވެ.
މީގެ ޖަވާބުގައި އެތުލެޓިކޯއިން މީޑިއާއަށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ބިޑަށް މަރުޙަބާ ކިޔައިފައި ނުވާ ކަމަށާއި އޭނާ ދޫކޮށްލުމާ މެދު ނުވިސްނާ ކަމަށެވެ. އަދި މި ދިޔަ އަހަރު އޭނާ ހޯދުމަށް ބާސާއިން އެ ކުރި "ޖޯކަށް"ވުރެ މި ޖޯކު މާ މަޖާ ކަމަށް އެތުލެޓިކޯއިން ބުނެއެވެ.މިއާ އެކު ހިނިގަނޑު އިމޯޖީތަކެއް ހިއްސާކޮށްފައި ވެއެވެ.
އަލްވަރޭޒްއާ އެތުލެޓިކޯއާ ދެމެދު އޮތް އެގްރީމެންޓް 2030ވަނަ އަހަރާ ހަމަޔަށް އެބައޮތެވެ. އޭގައި އޮންނަ ރިލީސް ކުލައުސްވާ ގޮތުގައި އޭނާ ގަންނަ ނަމަ 500މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެތުލެޓިކޯއިން އަލްވަރޭޒް ދޫކޮށްލުމަކީ އެހާ ގާތްކަމެއް ނޫނެވެ. އަދި އޭނާ އެހެން ޓީމަކަށް ބަދަލުވިނަމަވެސް އެ ޓީމަކަށް ވުން އެންމެ ގާތީ ބާސެލޯނާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.