މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ-އޮފީސް 3 އޮން 3 ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ ބާސްކެޓްބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 9އިން 11ގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ވެސް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިރުއޮއްސި 7:00އިން ފެށިގެން ރޭގަނޑު 11:30އާ ހަމައަށެވެ.
މި މުބާރާތް ކުރިއަށްދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފިރިހެނުންގެ ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނުގެ އިތުރުން އަންހެން ޑިވިޝަނެވެ. މީގެ ތެރެއިން އަށް ޓީމު ވާދަކުރާ ފިރިހެނުންގެ ދެވަނަ ޑިވިޝަނުގައި ހިމެނެނީ ކްލަބް ފެން، ކްލަބް އެޗްޑީސީ، ދިރާގު، މޯލްޑިވިއަން، އެމްއައިބީ، ޕޮލިސް ކްލަބް، ޔުނައިޓެޑް ބީއެމްއެލް އަދި ޓީމް ރިޔާންއެވެ. ފިރިހެނުންގެ ފުރަތަމަ ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރެއެވެ. އެއީ ކްލަބް އެޗްޑީސީ، ކްލަބް އިމިގްރޭޝަން، މާލޭ ސިޓީ ކައުންސިލް، ޔުނައިޓެޑް ބީއެމްއެލް އަދި ވިލާ ޓްރެވެލްސްއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. އެއީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ކްލަބް އިމިގްރޭޝަން، ޑަބަލްސްލިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި ޔުނައިޓެޑް ބީއެމްއެލްއެވެ. ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ އިދާރާއަކަށް ވެސް ކޮންމެ ކެޓަގަރީއެއްގައި ބައިވެރިކުރެވެނީ އެންމެ ޓީމެކެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައި ހިމެނެންޖެހޭނީ ހަތަރު ކުޅުންތެރިންނާއި އޮފިޝަލެކެވެ.
މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކުގައި، އެންމެ ފަހުން ބޭއްވި ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. ނަމަވެސް، ކޮންމެ ޓީމަކަށްވެސް އެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ބޭރުގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން، އެ އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް ކުޅެވޭނެ ކަމަށް އެމްބީއޭއިން ބުނެއެވެ. އެކަމަކު ބިދޭސީ ކުޅުންތެރިން ހިމަނާ ނަމަ، އެ ކުޅުންތެރިންގެ ވޯކް ޕާމިޓްގެ ކޮޕީއެއް ޓީމު ލިސްޓާއެކު އެމްބީއޭއަށް ހުށަހަޅަން ޖެހެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.