ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ ތިންވަނަ ހޮވި މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމުން މުބާރާތުގެ ތިންވަނަ މަގާމު ހޯދައިފިއެވެ.
ސުގަތަދާސަ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 62-59 ގެ ވާދަވެރި ނަތީޖާއަކުންނެވެ.
މިއީ މި ފަހަރުގެ ކޮލިފައިންގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ ފަހަރެވެ. މީގެކުރިން ބޭއްވުނު ކުރިމަތިލުމުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 88-48 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަމަށްވާއިރު، މިއަދުގެ މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ބޮޑު ކުރިއެރުމެއް ދައްކާފައެވެ.
މެޗު ފެށިގެން ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި 20-12 އިން ކުރިހޯދާފައެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ބަންގްލަދޭޝްއިން ކުޅުން ވަރުގަދަކޮށް، 21-20 އިން ލީޑު ހޯދިއެވެ. އޭގެ ފަހުން ރާއްޖެއިން ޖެހިޖެހިގެން ވައްޓާލި ޕޮޓުތަކާއެކު 25-21 އިން އަލުން ލީޑު ހޯދި ނަމަވެސް، އެ ލީޑު ދެމެހެއްޓޭގޮތް ނުވެ، ދެވަނަ ކުއާޓާ ނިމުނީ 33-29 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާގައިވެސް ބަންގްލަދޭޝްއިން ލީޑު ދަމަހައްޓައި 49-47އިން ކުރީގައި އޮތް ނަމަވެސް، ފަހު ކުއާޓާގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ތަފާތު ހިތްވަރެއް ދައްކާފައެވެ. އެގޮތުން ކުއާޓާގެ ކުރީކޮޅު 51-49 އިން ރާއްޖެއިން ލީޑު ހޯދައި، އެ ލީޑު ފުޅާކުރަމުން ގޮސް މެޗު ނިންމާލީ 62-59އިން ކުރީގައި އޮވެގެންނެވެ.
މި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިއާން ޝިހާމް އެވެ. އޭނާ ވަނީ މި މެޗުގައި ރާއްޖޭގެ ޓީމަށް 14 ޕޮއިންޓް ހޯދައިދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.