ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސޯމާލިއާގެ ރެފުރީ އަރްޓާން އެމެރިކާއިން އަނބުރާ ފޮނުވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގައި ރެފުރީކަން ކުރުމުގެ ފުރުސަތު ލިބުނު ސޯމާލިއާގެ ފުރަތަމަ ރެފުރީ އޮމާރް އަރްޓާން އެމެރިކާއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލައިފިއެވެ. 

 މިއާއެކު، 2026ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ އޮފިޝަލުންގެ ލިސްޓުން އޭނާގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.

އެފްރިކާގެ 2025ވަނަ އަހަރުގެ އެންމެ މޮޅު ރެފުރީގެ މަގާމު ހޯދާފައިވާ އަރްޓާން އެމެރިކާއަށް އެތެރެވުން މަނާކުރީ މަޔާމީ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ މި ވަގުތު ތުރުކީގައި ހުރިއިރު، އެމެރިކާގެ އިމިގްރޭޝަނުން އޭނާ އަނބުރާ ފޮނުވާލި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެކުލަވާލާފައިވާ ދަތުރުފަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. މިކަމާ ގުޅިގެން ފީފާއިން ބުނީ، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގެ ތަމްރީނުތަކާއި މެޗުތަކުގައި އަރްޓާންއަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ފީފާއިން އިތުރަށް ބުނެފައި ވަނީ މުބާރާތް ބާއްވާ ގައުމެއްގެ އިމިގްރޭޝަން އުސޫލުތަކުގެ ތެރެއަށް އެ އިދާރާއިން ނުވަންނާނެ ކަމަށާއި، ގައުމަކަށް އެތެރެވުމުގެ ހުއްދަ ދިނުމަކީ އެ ގައުމެއްގެ ސަރުކާރުގެ ފުރިހަމަ އިޚުތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ސޯމާލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފީފާއާ މުއާމަލާތްކޮށް، އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. ސޯމާލިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިސް މުޝީރަކު ވިދާޅުވި ގޮތުގައި އަރްޓާން ދަތުރުކުރީ ސައްހަ ލިޔެކިޔުންތަކާއެކުގައެވެ. އަދި ނައިރޯބީގައި ހުންނަ ސޯމާލިއާ އެމްބަސީން ވަނީ އޭނާގެ ދަތުރުތައް ފަސޭހަކުރުމަށް ޚާއްސަ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް ދޫކޮށްފައެވެ.

މި ނިންމުމަށް ތާއީދުކުރައްވަމުން ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ ވެރިޔާ އެންޑްރޫ ޖިއުލިއާނީ ބުނީ، އަރްޓާން ހުއްޓުވި ސަބަބުގެ ތަފްސީލު ހާމަނުކުރެވުނު ނަމަވެސް، އެއީ ކަސްޓަމްސް އެންޑް ބޯޑާ ޕެޓްރޯލުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. ވޯލްޑް ކަޕަށް ފީފާއިން ހޮވި 52ރެފުރީންގެ ތެރޭގައި ހިމެނުނު އަރްޓާންއަކީ 2018ވަނަ އަހަރުން ފެށިގެން ފީފާގެ ރެފުރީއެކެވެ. އޭނާ ވަނީ މީގެ ކުރިން އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ މެޗުތަކާއި ސޯމާލިއާގެ ގައުމީ ލީގުގެ މެޗުތަކުގައި ވެސް ރެފުރީކަން ކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު