ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފްރެންޗް އޯޕަން ކާމިޔާބުކޮށް ޒްވެރޭވް ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި އިޓަލީގެ ފްލާވިއޯ ކޮބޯލީ ބަލިކޮށް، ޖަރުމަނުގެ އަލެކްޒެންޑާ ޒްވެރޭވް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލައިފިއެވެ. 

 މިއީ އުމުރުން 29އަހަރުގެ ޒްވެރޭވް ކުޅުނު ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ.

މުބާރާތުގައި ދެވަނައަށް ސީޑް ކުރެވުނު ޒްވެރޭވް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 24އަހަރުގެ ކޮބޯލީއާ ވާދަކޮށް ފަސް ސެޓަށް ދެމިގެންދިޔަ ފޯރިގަދަ ކުޅުމަކަށްފަހު 6-1، 4-6، 6-4، 6-7 (5-7)، 6-1އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގައި ދުނިޔޭގެ އެއްވަނައިގައި އޮތް ކާލޯސް އަލްކަރާޒް އަނިޔާގެ ސަބަބުން ވާދަނުކުރާއިރު، އެއްވަނައަށް ސީޑް ކުރެވުނު ޔަނިކް ސިނާ ދެވަނަ ބުރުން އަދި ތިންވަނައަށް ސީޑް ކުރެވުނު ނޯވަކް ޖޮކޮވިޗް ވަނީ ތިންވަނަ ބުރުން ކަޓާފައެވެ.

މިއީ މުބާރާތުގައި 10ވަނައަށް ސީޑް ކުރެވުނު ކޮބޯލީ ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. އޭނާގެ އަމާޒަކީ ފާއިތުވި 50އަހަރު ތެރޭގައި ފްރެންޗް އޯޕަން ކާމިޔާބުކުރާ ފުރަތަމަ އިޓަލީ ކުޅުންތެރިޔާގެ ޝަރަފް ހޯދުމެވެ. އެންމެ ފަހުން އިޓަލީގެ ކުޅުންތެރިއަކު މި މުބާރާތް ކާމިޔާބުކުރީ 1976ވަނަ އަހަރު އެޑްރިއާނޯ ޕަނާޓާ އެވެ. މިދިޔަ އަހަރުގެ ފައިނަލަށް އިޓަލީގެ ސިނާ ދަތުރުކުރި ނަމަވެސް، އޭނާގެ މައްޗަށް ކުރި ހޯދީ އަލްކަރާޒްއެވެ.

ކާމިޔާބީއަށްފަހު ވާހަކަދައްކަމުން އޮލިމްޕިކް ރަން މެޑަލްވެސް ހޯދާފައިވާ ޒްވެރޭވް ބުނީ މި މެޗު ކުޅުނު ކޯޓަކީ އޭނާގެ ކެރިއަރުގައި އުފާވެރި އަދި ހިތާމަވެރި އެތައް ވަގުތުތަކެއް ހޭދަކުރެވުނު ހާއްސަ ކޯޓެއް ކަމަށެވެ.

"ހަތަރު އަހަރު ކުރިން މި ކޯޓުގެ އެހެރަ ކަނުގައި އަހަރެން އޮތީ ހަތް ލިގަމެންޓް ހަލާކުވެ، ދެ ކަށިގަނޑު ބިންދައިގެން ގޮސްފަ. ދެ އަހަރު ކުރިން ގްރޭންޑް ސްލޭމް ފައިނަލަކުން ބަލިވި، އެކަމަކު މިއަދު މި ލިބުނީ އުފާވެރި ނިމުމެއް" ޒްވެރޭވް ބުންޏެވެ.

މީގެ ކުރިން ޒްވެރޭވް ވަނީ ޖެހިޖެހިގެން ތިން އަހަރު ސެމީ ފައިނަލުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާފައެވެ. އޭގެ ތެރެއިން 2022ވަނަ އަހަރުގެ ސެމީގައި ރަފައެލް ނަޑާލްއާ ދެކޮޅަށް ކުޅުނު މެޗު އޭނާއަށް ދޫކޮށްލަން ޖެހުނީ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަދި މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން ޖޮކޮވިޗް އަތުން ބަލިވެގެން ކެޓިއިރު، އޭގެ ކުރީ އަހަރުގެ ފައިނަލުން އޭނާ ބަލިވީ އަލްކަރާޒް އަތުންނެވެ.

މި އަހަރުގެ ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ރަޝިއާގެ އުމުރުން 19އަހަރުގެ މިއްރާ އަންޑްރީވާއެވެ. މުބާރާތުގައި އަށްވަނައަށް ސީޑް ކުރެވުނު އަންޑްރީވާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕޮލެންޑްގެ މަޖާ ޗްވަލިންސްކާ (24 އަހަރު)އާ ވާދަކޮށް 6-3، 6-2އިން މޮޅުވެގެންނެވެ. މިއީ މި ދެ ކުޅުންތެރިންވެސް ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗްވަލިންސްކާ ފްރެންޗް އޯޕަންއަށް ކޮލިފައިވި ފުރަތަމަ ފަހަރު ވެސް މެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު