އިއްޔެ ޑެންމާކުގެ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް އެރިކްސަން އަނެއްކާ ވެސް ދަނޑުމައްޗަށް ވެއްޓިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކްރިސްޓިއަން އެރިކްސަން ވެއްޓުނު ނަމަވެސް ހޭހުއްޓެވެ. އަދި ހޮސްޕިޓަލުގައި އިތުރު ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި ސްޓޭބަލްކަމަށް މައުލޫމާތު ލިބެއެވެ. މިއީ މީގެ ފަސް އަހަރު ކުރިން ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އޭނާއަށް ހާޓް އެޓޭކެއް ޖެހުނު ބިރުވެރި ހާދިސާ ހަނދާންކޮށްދިން ކަމެކެވެ.
ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ޑެންމާކުގެ އޮޑެންސޭގެ ނޭޗާ އެނާޖީ ޕާކުގައި ޔޫކްރެއިނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ 65 ވަނަ މިނެޓުގައި، ބޯޅައާ ދުރުގައި ހުރެ 34 އަހަރުގެ މިޑްފީލްޑަރު ވަނީ ދެ އަތުން އޭނާގެ މޭގައި ހިފަހައްޓާފައެވެ.
ދެން ޓީވީން ދެއްކި މަންޒަރުތަކުން ފެންނަނީ އެރިކްސަން ދަނޑުމަތީގައި އުއްޑުން އޮއްވައެވެ. އަދި އޭނާގެ ވަށައިގެން ކަންބޮޑުވެފައި ތިބި ކުޅުންތެރިން ތިއްބެވެ. ޔޫކްރެއިންގެ ކޯޗިން ސްޓާފުން ދަނޑުމައްޗަށް މެޑިކަލް ޓީމު އެރުމަށް އިޝާރާތް ކުރަމުންދިޔަ މަންޒަރު ވެސް ފެނުނެވެ.
މާގިނަ އިރުތަކެއް ނުވެ، ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނީ އެރިކްސަން ހުރީ "ހޭހުރި ކަމަށާއި، ކަންތައްތައް ހުރި ގޮތަށް ބަލާއިރު ހާލު ރަނގަޅު" ކަމަށެވެ.
އޭގެ 10 މިނެޓު ފަހުން ފެޑެރޭޝަނުން ނެރުނު ތަފްސީލީ ބަޔާނެއްގައި، ޑެންމާކް ޓީމުގެ ޑޮކްޓަރު މޯޓަން ބޯސެން ބުނީ ކްރިސްޓިއަންގެ ހާލު ރަނގަޅު ކަމަށާއި އޭނާ ދަނޑުން ފޭބީ އަމިއްލައަށް ހިނގާފއި ކަމަށެވެ.
"އޭނާ ކުޑަ ވަގުތުކޮޅަކަށް ހޭނެތުނު، ނަމަވެސް ވަރަށް އަވަހަށް ހޭއެރި، އަދި އަހަރެމެންނަށް ވަރަށް އަވަހަށް އޭނާއާ މުއާމަލާތް ކުރެވުނު."
ބޯސެން ބުނީ "މިހާރު ހޮސްޕިޓަލުގައި އިތުރު ތަހުލީލުތަކެއް ކުރަމުންދަނީ މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށް" ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.