ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ދާ އިރާން ޓީމުގެ 15 އޮފިޝަލަކަށް ވިސާ ނުދީ ހިފަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިރާނުގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ދިން ނަމަވެސް، އެ ގައުމުގެ ވަފުދުގެ ތެރެއިން 15މީހަކަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފިއެވެ. 

 އިރާނުގެ ރަސްމީ ޓީވީން ތަސްނީމްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިސާ ނުލިބުނު މީހުންގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އާއި ނައިބު ރައީސް މެހެދީ މުހައްމަދު ނާބީގެ އިތުރުން ޓީމުގެ ވީޑިއޯ އެނަލިސްޓުންނާއި އިދާރީ މުވައްޒަފުން ހިމެނެއެވެ.

މި 15މީހުންނަށް ވިސާ ނުދިން ސަބަބެއް އެމެރިކާއިން ހާމަކޮށްފައި ނުވާއިރު، އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މިއީ ވަރަށް ބޮޑު ތަފާތުކުރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގައި ފީފާއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.

މިއީ ވަރަށް ބޮޑު ތަފާތު ކުރުމެއް. އަހަރުމެން މިދަނީ މިކަމާ ފީފާއާ ވާހަކަ ދައްކަމުން. ފުޓްބޯޅަ މުބާރާތެއް ބާއްވާ ގައުމުގެ ހައިސިއްޔަތުން ހަމަޖައްސައިދޭން ފީފާގެ ގަވާއިދުގައި މަޖުބޫރު ކަންކަން ހުރޭ. އެކަންކަން އެއްފަރާތް ނުކުރެވޭނެ.

އެމެރިކާއާއި އިޒްރޭލް ގުޅިގެން މީގެ ތިން މަސް ކުރިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެމެރިކާއިން ނިންމާފައި ވަނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޮޕްސް (އައިއާރުޖީސީ)ގައި މަސައްކަތް ކޮށްފައިވާ އެއްވެސް މީހަކަށް ވިސާ ނުދިނުމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ވިސާ ދޫކޮށްފައިވަނީ މެޗު ކުޅެން ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށާއި، ކުޅުންތެރިންނާއި ކޯޗުންނަށް ވިސާ ދިނީ އެމީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ކަށަވަރުވާތީ ކަމަށެވެ. ނަމަވެސް، އައިއާރުޖީސީގެ ކުރީގެ މެންބަރުން ޓީމުގައި ހިމެނޭތީ އިރާން ޓީމުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބާރާތުގައި އިރާނުން ކުޅެންޖެހޭ ތިން މެޗުވެސް އެމެރިކާގައި އޮތް ނަމަވެސް، އެ ގައުމުގައި މަޑުކުރުމުގެ ހުއްދަ އެމެރިކާއިން ނުދިނުމުން އިރާން ޓީމު ކޭމްޕް ކުރަން ނިންމާފައިވަނީ މެކްސިކޯގެ ބޯޑަރު ސަރަހައްދެއް ކަމަށްވާ ތިއުވާނާގައެވެ. އެގޮތުން މެޗު ކުޅޭ ދުވަސްތަކުގައި އެއާޕޯޓުން ދަނޑަށް ދެވޭހާ ވަގުތު އޮއްވައި އެމެރިކާއަށް ގޮސް، މެޗު ނިމުމާއެކު ލަސްނުކޮށް އެނބުރި މެކްސިކޯއަށް ދާންޖެހެއެވެ. މިއާ އެކު، މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 48 ގައުމުގެ ތެރެއިން އެންމެ ބޮޑު ތުރާލަކާއި އުނދަގުލަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެވެ.

މީގެ ކުރިން ތުރުކީގެ އަންކާރާގައި ހުންނަ އެމެރިކާ އެމްބަސީން އިރާނުގެ ބައެއް މެންބަރުންނަށް ވިސާ ދިނުމަށް ފަހު، އެކަން ހަމަޖެހުމުން އެމްބަސެޑަރު ޓޮމް ބަރަކް ވަނީ އުފާފާޅުކުރައްވައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އިރާނުން ކުރިން ބުނެފައި ވަނީ ވިސާގެ ކަންކަން އެއްކޮށް ހަމަޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ނަމަވެސް ވަކި ބަޔަކަށް ވިސާ ދީފައި ބައެއް މީހުން ހިފަހައްޓައިފި ނަމަ ދެން އަމަލުކުރާނެ ގޮތް އެ ގައުމަށް އެނގޭނެ ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު