ކުރިއަށް އޮތް ފީފާ ވޯލްޑްކަޕްގައި މޮރޮކޯ އިން ވާދަކުރާނީ މީގެ ކުރިން އެ ގައުމުން ހޯދާފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ އިތުބާރު ގޯލުކީޕަރު ޔަސީން ބޯނޯ ބުނެފިއެވެ.
ފީފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބޯނޯ ބުނީ މޮރޮކޯ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުބާރާތުގައި އިތުރު ކާމިޔާބީތަކެއް ހޯދުމުގެ ފެންވަރު ހުރި ކުޅުންތެރިން ކަމަށެވެ.
މޮރޮކޯ ޓީމުގެ ރޫހާ ގުޅޭގޮތުން ވާހަކަދައްކަމުން ބޯނޯ ބުނީ ޓީމުގައި ތިބީ މޮޅު ކޮލިޓީގެ ކުޅުންތެރިން ކަމަށާއި، ވޯލްޑްކަޕަށް ނިކުންނައިރު ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ ރަގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިންނަށް މިއީ އެންމެ ފަހުގެ ވޯލްޑްކަޕަށް ވެދާނެ ކަމަށާއި، އަނެއް ބަޔަކަށް މިއީ ފުރަތަމަ މުބާރާތް ކަމަށްވިޔަސް، ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނަކީ ވޯލްޑްކަޕްގައި ކުޅެ ގައުމަށް ރަގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މޮރޮކޯއިން މިފަދަ ބޮޑު އަމާޒެއް ކަނޑައަޅާފައިވާއިރު، އެންމެ ފަހުން 2022ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، އެ ގައުމުން ވަނީ ވޯލްޑްކަޕެއްގެ ސެމީގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދާފައެވެ. ބޯނޯ ބުނީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ވަރުގަދަ ފޭވަރިޓުންތަކެއް ތިބި ނަމަވެސް، މޮރޮކޯގެ އަމާޒަކީ 2022ގެ ކާމިޔާބީއަށް ވުރެ ވެސް ކުރިއަށް ދިއުން ކަމަށެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސީ ގައި މޮރޮކޯ ހިމެނެނީ ބްރެޒިލް، ސްކޮޓްލޭންޑް އަދި ހެއިޓީއާ އެކުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯ ކުރިމަތިލާން ޖެހޭނީ ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށެވެ.
މި ފަހަރުގެ ވޯލްޑްކަޕަށް މޮރޮކޯ ތައްޔާރުވަމުންދާއިރު، އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލް އަތުން 1-0އިން އެ ގައުމު ބަލިވި ނަމަވެސް، މެޗުގައި ހިނގާދިޔަ ކަންތައްތައް އެފްކޮންސް އިން ބެލުމަށްފަހު މޮރޮކޯ މޮޅުވި ކަމަށް ނިންމައި، އެ މުބާރާތުގެ ޗެމްޕިއަންކަން ވަނީ މޮރޮކޯއަށް ދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.