އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ހުކުރު ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަކީ ތަފާތު މުބާރާތަކަށް ވާނެއެވެ.
މުބާރާތެއްގެ ކާމިޔާބީ ހަމައެކަނި ކުޅޭ މެޗުތަކުން ނުފެންނައިރު، ބޭރު ގައުމުތަކުގެ ސަޕޯޓަރުން މުބާރާތް ބަލަން ކުރާ ހޭދައަކީ މުހިންމު ބައެކެވެ. ނަމަވެސް، އެމެރިކާއިން ގިނަ ގައުމުތަކަކާ ޖެހިގަނެފައިވާ ދަނޑިވަޅެއްގައި، މުބާރާތް ކުރިމަތީގައި އޮއްވައި އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފައެވެ. މި ހަމަލާތަކުގައި އިރާނުގެ މަޝްހޫރު އާޒާދީ ސްޓޭޑިއަމަށް ބޮން އަޅައި ގޮއްވާލުމާ އެކު އެ ގައުމުގެ ފުޓްބޯޅަ ލީގު ވަނީ ހުއްޓިފައެވެ. މީގެ އިތުރުން މަދަނީ ގިނަ ތަންތަނާއި ސްކޫލްތައް ވެސް ވަނީ ހަލާކުވެފަ އެވެ. މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ގައުމީ ސަލާމް ކިޔަމުންދިޔައިރު، އިރާނުގެ ކުޅުންތެރިން ސްކޫލް ދަބަސްތަކެއް ހިފައިގެން ތިބީ މިނާބު ސިޓީގެ ސްކޫލްތައް ހަލާކުކޮށްލުމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ 48ގައުމުގެ ތެރެއިން އެމެރިކާއިން ވިސާ ނުދޭން ނިންމާފައިވާ ދެ ގައުމަކީ އިރާނާއި ހައިޓީއެވެ. ހާއްސަކޮށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ)ގައި އެއްވެސް ދުވަސްވަރެއްގައި މަސައްކަތް ކޮށްފައިވާ މީހަކަށް އެމެރިކާގެ ވިސާއެއް ނުލިބޭނެއެވެ. މި ސިޔާސަތުގެ ސަބަބުން، އައިއާރުޖީސީގެ ކުރީގެ މެންބަރެއް ކަމަށްވާ އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްއަށް ވެސް އެމެރިކާގައި އޮތް ގުރުއަތުލުމުގެ ރަސްމިއްޔާތަށާއި ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސް އަށް ވަޑައެއް ނުގެންނެވުނެވެ.
އިރާނުގެ ރައްޔިތުންނަށް ވިސާ ލިބުނު ނަމަވެސް، އެމެރިކާ އާއި ކެނެޑާ އަށް ދިއުމަކީ އެ މީހުންނަށް އޮތް ބޮޑު ބިރެކެވެ. އެއީ އެނބުރި ގައުމަށް ދިއުމުން، އިޒްރޭލަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހެންކަމުން ގިނަ ބަޔަކު ދެކެނީ އެންމެ ރައްކާތެރި ގޮތަކީ މުބާރާތް ބަލަން ނުދިއުން ކަމަށެވެ. ގައުމީ ސަލާމަތަށް އިރާނުން ދޭ ސަމާލުކަން ހާމަވަނީ އެ ގައުމުގެ އެންމެ މަޝްހޫރު ފޯވާޑް ސަރްދާން އަޒްމޫން ޓީމުން ވަކިކުރި ހާދިސާއިންނެވެ. އޭނާ ޓީމުން އުނިކުރީ، ހަނގުރާމައިގެ ސަބަބުން ޔޫއޭއީއާ އެކު އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، އެ ގައުމުގެ އަމީރާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.
ފީފާގެ އެދުމުގެ މަތިން އެމެރިކާއިން ވަނީ ޓިކެޓް އޮންނަ ފަރާތްތަކަށް އިންޓަވިއުއާ ނުލައި ވިސާ ހަމަޖެއްސުމަށް "ފީފާ ޕްރިއޮރިޓީ އެޕޮއިންޓްމަންޓް ޝެޑިއުލިން ސިސްޓަމް"(ޕާސް)ތައާރަފްކޮށްފަ އެވެ. ނަމަވެސް މިއީ ވިސާ ލިބޭނެ ކަމުގެ ޔަގީންކަމެއްނޫނެވެ. މީގެ އިތުރުން ވިސާ ފީގެ ގޮތުގައި 185ޑޮލަރާއި 435ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭއިރު، އެމެރިކާގެ ހޮޓާތަކާއި ދަތުރުފަތުރުގެ އަގުތައް ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ކުރިން 10ޑޮލަރަށް ކުރެވުނު ދަތުރުތަކުގެ އަގު މިހާރު ވަނީ 120އާއި 140ޑޮލަރާ ދެމެދަށް އަރައިފައެވެ. މިއީ އެމެރިކާގެ އާންމުންގެ މެދުގައި ވެސް ނުރުހުން އުފެދިފައިވާ ކަމެކެވެ.
މި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ހުރިހާ ގައުމަކަށް ހުޅުވާލާފައިވާ ހަމައެކަނި ގައުމަކީ މެކްސިކޯއެވެ. އެމެރިކާއާއި ކެނެޑާއިން ފުރުސަތު ނުދިނުމުން އިރާން ޓީމަށް ކޭމްޕް ކުރުމުގެ ފުރުސަތު ދިނީ ވެސް މެކްސިކޯއިންނެވެ. ނަމަވެސް، މުޅި މުބާރާތުގެ 104މެޗުގެ ތެރެއިން މެކްސިކޯގައި ކުޅެނީ އެންމެ 13މެޗު ކަމަށްވުމުން، އެ ގައުމުގައި ތިބެގެން ވޯލްޑް ކަޕުގެ ހަގީގީ ފޯރި ލިބުން ދުރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.