ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕް ފެށެން ގާތް ވެފައިވަނިކޮށް އިރާނުގެ ޓީމަށް އެމެރިކާއިން ވިސާދީފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިރާނުން ކުޅޭ ފުރަތަމަ މެޗު ފެށުމަށް 10ދުވަހަށް ވެފައިވަނިކޮށް، އެ ގައުމުގެ ގައުމީ ޓީމުގެ ހުރިހާ މެންބަރުންނަށް އެމެރިކާއިން ވިސާ ދީފިއެވެ. 

 ވައިޓް ހައުސްގެ ތަރުޖަމާނު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، އިރާން ޓީމުގައި ހިމެނޭ ހުރިހާ އެންމެންނަށް މިހާރު ވަނީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިރާނުން ކުޅެންޖެހޭ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގައެވެ. އެގޮތުން އެ ގައުމުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ޖޫން މަހުގެ 15ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލެސްގައެވެ. އިރާނާއި އެމެރިކާއާ ދެމެދު އޮންނަ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން މިފަހަރުގެ ވޯލްޑްކަޕަށް ވެސް އޭގެ ނުފޫޒު ފޯރާފައިވާއިރު، ވިސާ ލިބުން ލަސްވީ ވެސް މި މައްސަލަތަކާ ހުރެއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިރާނުން ތުރުކީގައި ޚާއްސަ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެމެރިކާގެ ވިސާ ހޯދުމަށް ޓަކައި އެ ގައުމުން ލިޔެކިޔުންތައް ހުށަހެޅީވެސް ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ. ނަމަވެސް ވިސާ ލިބުން އިންތިހާއަށް ލަސްވުމާ ގުޅިގެން، ފީފާއާ މަޝްވަރާ ކުރުމަށް ފަހު އިރާނުން ވަނީ އެމީހުންގެ ބޭސް ކޭމްޕް މުބާރާތް ބާއްވާ އަނެއް ގައުމު ކަމަށްވާ މެކްސިކޯއަށް ބަދަލުކޮށްފައެވެ.

އިރާނުގެ ޓީމު މިހާރު ބޭސްވެގެން ތިބީ އެމެރިކާގެ ބޯޑަރާ ގުޅޭ މެކްސިކޯގެ ސިޓީއެއް ކަމަށްވާ ތިހުއާނާގައެވެ. ކުރިން ރޭވިފައި އޮތީ ކޮންމެ މެޗަކަށް ވެސް މެކްސިކޯއިން އެމެރިކާއަށް ދަތުރުކުރާ ގޮތަށެވެ. ނަމަވެސް، މިހާރު އެމެރިކާގެ ވިސާ ރަސްމީކޮށް ލިބުމާ ގުޅިގެން، ޓީމުގެ ދަތުރުފަތުރާއި ބޭސް ކޭމްޕަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު