އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ފެށެން ހަފުތާއަކަށް ވެފައި ވަނިކޮށް، ސްޓޭޑިއަމްތަކަށް ޕްލާސްޓިކް ފެންފުޅި ވެއްދުން ފީފާއިން މަނާކުރުމުން ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފީފާއިން ނިންމި މި ނިންމުމުގެ ސަބަބުން، ހޫނުގަދަވުމާއި ބޯފެން ލިބުމުގެ ދަތިކަމާ މެދު ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ.
ޖޫން 11އިން ޖުލައި 19އަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފެށެން އެންމެ ހަފުތާއަކަށް ވެފައި ވަނިކޮށް، ފީފާއިން ވަނީ ސްޓޭޑިއަމްގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، އަލުން ބޭނުންކުރެވޭ ޕްލާސްޓިކް ފެންފުޅި ސްޓޭޑިއަމް ތެރެއަށް ވެއްދުން މަނާކޮށްފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ، އެހެނިހެން ބާވަތްތަކުގެ ފުޅިތައް ވެސް ސްޓޭޑިއަމަށް ވެއްދުން ހުއްދަ ނޫން ކަމަށެވެ. އެއީ އެފަދަ އެއްޗެހި އުކުމުގެ ސަބަބުން އަނިޔާއެއް ލިބިދާނެތީއެވެ.
މިދިޔަ މަހު ފީފާގެ ރަސްމީ ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓްގައި ބުނެފައިވަނީ، "އެއްވެސް އޮޅުމެއް ނެތް ގޮތުގައި، 1 ލީޓަރަށް ވުރެ ބޮޑު ނޫން، ހުސް، ދެފުށް ފެންނަ، އަލުން ބޭނުންކުރެވޭ ޕްލާސްޓިކް ފުޅި ސްޓޭޑިއަމަށް ވެއްދިދާނެ" ކަމަށެވެ.
ނަމަވެސް، ޖޫން 2 ގައި އަލުން އިސްލާހުކޮށްފައިވާ ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓްގައި ފީފާއިން ބުނެފައި ވަނީ، "އަލުން ބޭނުންކުރެވޭ ފެންފުޅި ސްޓޭޑިއަމަށް ވައްދައިގެން ނުވާނެ" ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.