ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ވަރަށް ރަނގަޅު ފުރުސަތެއް އިންގްލެންޑަށް އެބައޮތް ކަމަށް އެ ގައުމުގެ ކުރީގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ރިއޯ ފާޑިނަންޑް ބުނެފިއެވެ.
އިންގްލެންޑްގެ ވޯލްޑް ކަޕް ތިން ސްކޮޑެއްގައި ހިމެނުނު ކުޅުންތެރިއެއްގެ ހައިސިއްޔަތުން، ސަޕޯޓަރުންގެ އުންމީދުތަކުގެ ބަރުދަން ރިއޯ ފާޑިނަންޑަށް ވުރެ ބޮޑަށް ދަންނާނެ މީހުން މަދު ވާނެއެވެ. އަދި މީގެ ކުރިން އިންގްލެންޑަށް ލިބުނު ނާކާމިޔާބީތަކާއި ގެއްލުނު ފުރުސަތުތަކާ އެކު ވެސް، ކުރިއަށް އޮތް މުބާރާތުގައި އެ ގައުމުގެ ސްކޮޑަށް ކާމިޔާބު ހޯދޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ކުރީގެ ޑިފެންޑަރު ގަބޫލުކުރެއެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އިންގްލެންޑުން ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެ ފައިނަލެއްގެ އިތުރުން ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެ ހުރިހާ މުބާރާތްތަކެއް ހިތްދަތި ގޮތަކަށް ނިމިގެންދިޔަ ނަމަވެސް، ފާޑިނަންޑް ގަބޫލުކުރާ ގޮތުގައި މިއީ ތުރީ ލަޔަންސްއިން ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި އުފުލާލާނެ ފަހަރެވެ.
މި މުބާރާތާ ބެހޭގޮތުން ވާހަކަދައްކަމުން އުމުރުން 47 އަހަރުގެ ފާޑިނަންޑް ބުންޏެވެ:
"އަހަރެން މިހުރީ ކެތްމަދުވެފައި. މުޅި މުބާރާތުގައި އަހަރެން ހުންނާނީ އެމެރިކާގައި. އަދި އެތަނުގައި ހުރެގެން ހުރިހާ މެޗެއް ބަލާލަން ކެތްމަދުވެފައި މިހުރީ. މި މުބާރާތުގައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކާމިޔާބީތައް ހޯދާފައިވާ ކޯޗެއް ކަމަށްވާ ތޯމަސް ޓުޗެލް ކޯޗަކަށް ހުރުން. މޮޅުވާން ކުރަންޖެހޭނެ ކަންތައްތައް އޭނާއަށް އެނގޭނެ. އެހެންވީމާ އުންމީދަކީ އަހަރެމެންގެ ތިބި ކުޅުންތެރިންނާ އެކު މި މަސައްކަތް ކާމިޔާބުކުރުން."
ގައުމީ ޓީމަށް 81 މެޗު ކުޅެދީ، ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވާ ފާޑިނަންޑް ވަނީ އިންގްލެންޑްގެ ޖާޒީއެއް ލައިގެން ކުޅުމުން ލިބޭ ބޮޑު ފަޚުރާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. ނަމަވެސް ދަނޑުމަތީގައި އެ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، ހަމަޖެހިގެން ކުޅުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ ބާރުއެޅިއެވެ.
"ގައުމީ ޓީމަށް ކުޅުމުގައި އަހަންނަށް ވަރަށް ފުރިހަމަ ތަޖުރިބާއެއް ކުރެވުނު،" ފާޑިނަންޑް ކިޔައިދިނެވެ.
"ގައުމަށްޓަކައި ބޮޑު މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ދުނިޔޭގައި ކުރެވޭނެ އެންމެ ފުރިހަމަ އެއް އިހުސާސް. ނަމަވެސް އޭގެ ޖަޒުބާތުގައި ޖެހި މެޗު ހަލާކުކޮށް ނުލައި، ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޖެހޭނެ."
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.