ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ބީޗް ވޮލީބޯޅަ ރެފްރީގެ ޝަރަފް ، ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އާއިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
އާއިދާ ރެފްރީކަމުގެ ބެޖު ހޯދައިފައި ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)އިން އިންތިޒާމުކޮށްގެން ކަޒަކިސްތާނުގެ އަލްމާޓީގައި މެއި މަހުގެ 25އިން 31 އަށް ކުރިއަށްގެންދިޔަ އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސް ފުރިހަމަކޮށްގެންނެވެ.
ޖުމްލަ އަށް ޤައުމަކުން 15 ބައިވެރިންނާ އެކު ކުރިއަށްދިޔަ މި ކޯހުގައި އާއިދާގެ އިތުރުން ރާއްޖޭގެ މުޙައްމަދު ސާމިން ވެސް ވަނީ ބައިވެރިވެ، އިންޓަނޭޝަނަލް ބީޗުވޮލީ ރެފްރީ ސެޓްފިކެޓް ކާމިޔާބުކަމާ އެކު ހާސިލުކޮށްފައެވެ. މި ކާމިޔާބީއާއެކު ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުޞަތު މި ދެ ރެފްރީންނަށް މިހާރު ވަނީ ހުޅުވިފައެވެ.
އާއިދާ އަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމުގައާއި ކުޅިވަރުގެ އިދާރީ ހިންގުމުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު ޝަޚްޞިއްޔަތެކެވެ. އެގޮތުން އޭނާ އަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީގައި ހިމެނޭ، އެ އެސޯސިއޭޝަންގެ އަންހެން ނައިބު ރައީސް ވެސް މެއެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ބޭއްވި އެސޯސިއޭޝަންގެ ކޮންގްރެސްގައެވެ. މީގެއިތުރުން ރާއްޖޭގެ އިންޑޯ ވޮލީގެ ގައުމީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގައި ވެސް އޭނާ ވަނީ އިންސާފުކޮށް، ރެފްރީކަމުގެ ދާއިރާއިން ބޮޑު އިޙްތިރާމެއް ހޯދާފައެވެ.
ރެފްރީކަމުގެ ދާއިރާއަށް އާއިދާ އެންމެ ފުރަތަމަ ނުކުތީ 2015 ވަނަ އަހަރު އިންޑޯ ވޮލީބޯޅަ ރެފްރީ ކޯސް ފުރިހަމަކޮށްގެންނެވެ. ނަމަވެސް، ރާއްޖޭގެ ބީޗް ވޮލީބޯޅަ ދާއިރާގައި އަންހެން ރެފްރީން ނެތް ހުސްކަން ފުރުމުގެ ބޭނުމުގައި އޭނާ ބީޗް ވޮލީއަށް ޚާއްޞަވާން ނިންމީއެވެ. އެގޮތުން 2024 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ކޯސްވެސް އޭނާ ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.