ޖޭމްސް މިލްނާ އުމުރުން 40 އަހަރުގައި ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފިއެވެ.
ކާމިޔާބު ކެރިއަރެއް އޮތް ، ބްރައިޓަންގެ މިޑްފީލްޑަރ މިލްނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް މި ނިމިދިޔަ ސީޒަނުގައި މުގުރައިލައިފައެވެ. 2017ގައި 653 މެޗް ހަމަކޮށްގެން ގެރެތު ބެރީ ހެދި ރެކޯޑް މިލްނާ މުގުރައިލާ ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޕްރިމިއަރލީގުގެ 658 މެޗް ކުޅެފައެވެ.
މިލްނާ އިންސްޓަގްރާމްގައި ލިޔެފައިވެއެވެ: "ޕްރިމިއާ ލީގުގައި 24 ސީޒަން ހޭދަކުރުމަށް ފަހު، މިއީ އަހަރެންގެ ކުޅިވަރުގެ ކެރިއަރު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރެވެއެވެ."
"އަހަރެން ސަޕޯޓްކުރަމުން އައި ލީޑްސްއަށް އުމުރުން 16 އަހަރުގައި ފުރަތަމަ މެޗު ކުޅެދީ، ޕްރިމިއާ ލީގުގެ އެންމެ ޒުވާން ލަނޑު ޖެހި ކުޅުންތެރިޔާއަށް ވީ ހިސާބުން ފެށިގެން، މި ކުރެވުނު ދަތުރަކީ ދުވަހަކު ވެސް ހުވަފެނުން ވެސް ދުށް ދަތުރެއް ނޫނެވެ. މިދިޔަ އަހަރު ފައި ވެސް ހިއްލާނުލެވޭ ހާލަތުގައި ހުރުމަށް ފަހު، އެނބުރި އައިސް އުމުރުން 40 އަހަރުގައި ބްރައިޓަންގެ ތާރީޚުގައި ދެވަނަ ފަހަރަށް ޔޫރަޕަށް ކޮލިފައިކޮށްދިނުމުގައި ބައިވެރިވެވުމާ ހަމައަށެވެ."
މިލްނާ ވަނީ ޖެހިޖެހިގެން 24 ސީޒަންގައި ޕްރިމިއަރލީގު ކުޅެފައެވެ. އޭގެ ތެރެއިން ސިޓީގައި އޭނާ ވަނީ ދެ ސީޒަންގައި ޓައިޓަލް ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލްގައި އޭނާ ވަނީ ލީގު ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އެއާ އެކު އޭނާގެ ކާމިޔާބީގައި އެފްއޭކަޕްގެ ދެ ތައްޓާއި ލީގްކަޕްގެ ދެ ތައްޓާއި ޔޫއެފާ ސްޕަރކަޕް ތައްޓަކާއި ކްލަބް ވޯލްޑްކަޕްގެ ތައްޓެއް ހިމެނެއެވެ.
ކޮންމެ ކްލަބަކީ ވެސް އަހަރެންގެ ދިރިއުޅުމާއި ކެރިއަރުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކްލަބުތަކެއްކަން ފާހަގަކޮށް މިލްނާ ވަނީ އެންމެންނަށާއި ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.