އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުން، ނެދަލޭންޑްސްއަށް އުފަން އުމުރުން 47އަހަރުގެ އާނޭ ސްލޮޓް މިއަދު ވަކިކޮށްފިއެވެ.
ލިވަޕޫލުން އޭނާ މަގާމުން ވަކިކުރަން ނިންމީ މި ސީޒަނުގައި އެދެވޭ ފަދަ ރަނގަޅު ނަތީޖާތަކެއް ކްލަބަށް ހޯދައިދެވިފައި ނުވާތީއެވެ. ނަމަވެސް، ސްލޮޓް ވަނީ އޭނާ ލިވަޕޫލާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
ލިވަޕޫލުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމުގައިވީ ނަމަވެސް، މިވަގުތުގެ ހާލަތަށް ބަލާއިރު މިއީ ކްލަބަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. މީގެ އިތުރުން، ސްލޮޓް އެ ކްލަބަށް ކޮށްދިން އަގުހުރި ހިދުމަތްތަކަށް ލިވަޕޫލްގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ނިމިދިޔަ ސީޒަނުގައި ކުޅުންތެރިން ގަތުމަށް ލިވަޕޫލުން ޖުމްލަ 415މިލިއަން ޕައުންޑް ހޭދަކޮށްފައިވީ ނަމަވެސް، އެއާ އެއްވަރުގެ ނަތީޖާއެއް ނެރެވިފައި ނުވާތީ ކްލަބުގެ މެނޭޖްމަންޓުން ތިބީ ހިތްހަމަނުޖެހިފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގު ފަސްވަނައިގައި ލިވަޕޫލުން ނިންމާލިއިރު، ހުރިހާ މުބާރާތްތަކެއް ހިމެނޭހެން އެ ޓީމު ވަނީ ޖުމްލަ 20މެޗުން ބަލިވެފައެވެ.
މި ސީޒަނުގެ މެދުތެރޭގައި ކްލަބުގެ ވެރިން ބުނެފައިވަނީ ކޯޗު ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ލިވަޕޫލް ހިންގާ އެފްއެސްޖީ (FSG)ގެ ޗީފް އެގްޒެކްޓިވް އާއި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރާ ދެމެދު ކުރެވުނު ދިގު މަޝްވަރާތަކަށްފަހު، އެންމެ ފަހުން ސްލޮޓް މަގާމުން ވަކިކުރަން ނިންމީއެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސްލޮޓްގެ ބަދަލުގައި ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ކުރިން ބޯންމަތަށް ކޯޗުކޮށްދިން އަންޑޯނީ އިރައޯލާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.